ހިޔާނާތުގެ ތުހުމަތެއްގައި މިހާތަނަށް ތަހުގީގީ އިދާރާއަކަށް ހާޒިރުކޮށްފައިނުވާ ކަމަށާއި ދުވަހަކުވެސް ހިޔާނާތެއް ވެފައިނުވާނެ ކަމަށް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުުވުމުގައި މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަދު އަހުމަދު ނާޒިމް ވަނީ މޯލްޑިވް ގޭސްއާ އަމާޒުވާ ހިޔާނާތެއްގެ މައްސަލަ ސަމާލުކަމަށް ގެނެސްފައެވެ. ނާޒިމް ވިދާޅުވެފައިވަނީ މޯލްޑިވް ގޭސްއިން ގޭސް ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލިފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވެފައިވަނީ ގޭސް ޝިޕްމަންޓްގެ އެޑްވާންސްގެ ގޮތުގައި ދައްކާފައިވަނީ 240،000 ޑޮލަރު ކަމަށާއި އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެލްޕީޖީ ޝިޕްމެންޓަކަށް ދައްކާފައިވާ ފައިސާ ކަމަށެވެ. އަދި އެ ފައިސާ ހޯދުމަށް ކުރި މަސައްކަތުގައި އަދި އެއްވެސް ކާމިޔާބެއް ލިބިފައިނުވާ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅިގެން އަބްދުﷲ ރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަކީ 2000 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އެކި މުއައްސަސާތަކުގައި ވަޒީފާ އަދާކުރަމުންދާ މީހެއް ކަމަށާއި އޭނާއަކީ އެއްވެސް ހިޔާނާތެއް އަދި ހިޔާނާތެއްގެ ތުހުމަތުގައިވެސް ތަހުގީގީ އެއްވެސް އިދާރާއަކަށް ހާޒިރުކޮށްފައިވާ މީހެއް ނޫން ކަމަށެވެ.
އެފަދަ މައްސަލައެއްގައި ބަޔާން ނަގައި އެއްވެސް ހުކުމެއް ވެސް އޭނާގެ މައްޗަށް ކޮށްފައިނުވާ ކަމަށާއި އަބަދުވެސް މަގާމުގެ މަސްއޫލިއްޔަތުތައް އަދާކޮށްފައިވަނީ އަދި އަދާކުރަމުންދަނީ ވަޒީފާ އަދާކުރާ މުއައްސަސާގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކުރުމަށް އެންމެ މަތީ ދަރަޖައަށް އިސްކަންދީގެން ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުންވެސް މަސައްކަތް ކުރަމުންދަނީ މުއައްސަސާގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރަން ކަމަށާއި އެކަން އެ ކުންފުނީގެ އޮޑިޓް ރިޕޯޓުތަކުން ކަށަވަރުވާނެ ކަމަށެވެ.
މޯލްޑިވް ގޭސްގެ ކޮންމެ މުއާމަލާތަކީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް ޕްރޮކިއުމެންޓް އުސޫލާ އެއްގޮތަށް ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކަންކަމުގެ ހަގީގަތް އޮޅޭގޮތަށް ދެން ހުންނަ މީހާގެ އަބުރު ގެއްލުވާނުލުމަށް ވެސް އަބްދުﷲ އެދިވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު