މުސްލިމުން ވަނީ ޢީދުލްފިޠުރު ފާހަގަކުރަމުންނެވެ. މިއީ ރޯދަމަހުގެ ނިމުމާއެކު ފާހަގަކުރާ އުފާވެރި ދުވަހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ވަނީ އިސްލާމީ މުޤައްދަސް މަހާ ވަދާޢު ކިޔަމުން ޢީދުލްފިޠުރުގެ އުފާވެރިކަން ފާހަގަކުރަމުންނެވެ. ޢީދަކީ އާންމުކޮށް އުފަލާއި ހިތްހަމަޖެހުމާއެކު މަރުޙަބާ ކިޔާ ދުވަހެކެވެ. އަދި މިދުވަސް ފާހަގަކުރެވެނީ ޖަމާޢަތުގައި ކުރާ ނަމާދާއި އާއިލާތަކުގެ ޒިޔާރަތްތަކާއި، އެއްވުންތަކާއި، ދަތުރުތަކާއި އަދި އައު ހެދުން ލައިގެން އުޅުމާއެކުގައެވެ. ނަމަވެސް، ބައެއް މީހުންނަށް މިއަހަރުގެ ޢީދު އަންނަނީ އެމީހުންގެ މުޖުތަމަޢުތަކުގައި ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި ބަދަލުތަކާ އެކުގައެވެ.
ޣައްޒާގައި މިއީ އެތަނުގައި ހިނގަމުންދާ ހަނގުރާމައިގެ ފަހުން އަންނަ ދެވަނަ ޢީދުލްފިޠުރެވެ. މިމަހުގެ ކުރީކޮޅު، އިސްރާއީލުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެއްޗާއި އަދި އެހެނިހެން ތަކެތި ފޯރުކޮށްދިނުން ހުއްޓާލާފައެވެ. އޭގެ ފަހުން ސިފައިން ވަނީ ހަމާސްއާއެކު ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް ގެނެސް، އަލުން ބޮންއެޅުން ފަށާފައެވެ. މިކަމުގެ ސަބަބުން ސަތޭކަ އެތައް ބަޔަކު ވަނީ މަރުވެފައެވެ.
ހަނގުރާމަ އަލުން ފެށުމުގެ ސަބަބުން ރަމަޟާންމަހު ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން އުޅެމުންދިޔަ ފަލަސްޠީނުގެ މީހުންގެ ކަންތައްތައް ބަދަލުވެގެން ދިޔައެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނާގޮތުގައި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން 50،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މެދުއިރުމަތީގެ އެހެން ތަންތަނުގައި، ސީރިއާގެ މީހުން މިފަހަރު ޢީދުލްފިޠުރު ފާހަގަކުރަނީ އަސަދު ޢާއިލާގެ އަނިޔާވެރި ވެރިކަމުގެ ދެބައިކުޅަ އެއްބަޔަށްވުރެ ދިގު މުއްދަތެއް ނިމުމަކަށް އައުމަށްފަހު އަންނަ ފުރަތަމަ ޢީދުލްފިޠުރުގެ ގޮތުގައެވެ.
އިންޑޮނޭޝިއާގައި، ގިނަ ބަޔަކު ވަނީ އެމީހުންގެ އަމިއްލަ ރަށްރަށަށް ދަތުރުކޮށްފައެވެ. މިއީ ލޯބިވާ މީހުންނާއެކު ޢީދު ފާހަގަކުރުމަށްޓަކައެވެ. މި ދަތުރުތަކަކީ “މުދިކް” ނަމަކުން މަޝްހޫރު ގެއަށް އެނބުރި އައުމުގެ އާދަކާދައެކެވެ.
މެލޭޝިއާގައިވެސް މުސްލިމުންގެ މެދުގައި ޢީދަށް ގެއަށް އެނބުރި އައުމުގެ އާދަކާދައެއް އޮވެއެވެ. ފުރަތަމަ ދުވަސް އާންމުކޮށް ފެށެނީ މިސްކިތުގައި ފަތިސް ނަމާދު ކުރުމަށްފަހު، ޢާއިލާއާއި ރަޙްމަތްތެރިންގެ ކިބައިން މަޢާފަށް އެދުމާއި، ލޯބިވާ މީހުންގެ ކަށްވަޅުތަކަށް ޒިޔާރަތްކުރުމާއެކުގައެވެ.
އެތަނުގައި “އޯޕަން ހައުސް” ގެ ރޫޙެއް އޮވެއެވެ. މީގެ ދަށުން ރަޙްމަތްތެރިންނާއި ޢާއިލާތައް އެކަކު އަނެކަކުގެ ގެތަކަށް ޒިޔާރަތްކޮށް ޢީދު ފާހަގަކުރުމާއި، ކެތުޕަތް (ތަޅުދަނޑީގެ ފަތުން ހަދާފައިވާ ކޮތަޅެއްގައި ކައްކާ ހަނޑޫ) އާއި ރެންދަންގ (ކިރާއި ތަފާތު މަސާލާތަކާއެކު ކައްކާ މަހުގެ ނުވަތަ އެހެން އެއްޗެއްގެ ކެއުމެއް) ފަދަ އާދަކާދައިގެ ކާނާ ލިބިގަތުން ހިމެނެއެވެ.
އުމުރުން ދޮށީ މުސްލިމުން ކުޑަކުދިންނަށާއި ގެއަށް ޒިޔާރަތްކުރާ މެހެމާނުންނަށް ފައިސާ ހިމެނޭ ފެހިކުލައިގެ ސިޓީއުރަތައް ދެއެވެ.
މިޞްރުގައި، ޢާއިލާތަކުން ޢީދު ނަމާދުގައި ބައިވެރިވަނީ އުފާވެރި މާޙައުލެއްގައެވެ. ގިނަ ބަޔަކު ގާތްތިމާގެ މީހުންނާއި، ރަޙްމަތްތެރިންނާއި އަވަށްޓެރިންނަށް ޒިޔާރަތްކުރެއެވެ. އަދި ބައެއް މީހުން ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރެއެވެ. ކުޑަކުދިން، އާންމުކޮށް އައު ޢީދު ހެދުން ލައިގެން އުޅޭއިރު، އެކުދިންނަށް “ޢީދިއްޔާ” ގެ ނަމުން މަޝްހޫރު އާދަކާދައިގެ ފައިސާގެ ހަދިޔާ ލިބެއެވެ.
ހަކުރުފެން އަޅާފައިވާ ޢީދު ކުކީސް ހެދުން ނުވަތަ ގަތުމަކީވެސް އެޤައުމުގައި ޢީދާ ގުޅިފައިވާ އެހެން ކަމެކެވެ.
އެމެރިކާގައި، މުސްލިމުންނަކީ ނަސްލީގޮތުންނާއި މުޖުތަމަޢުގެ ގޮތުން ތަފާތު މަދު ބައެކެވެ. އެތަނުގައި ގިނަ ބަޔަކު އެއްވަނީ ޢީދު ނަމާދަށާއި ކުޑަކުދިންނާއި ޢާއިލާތަކަށް މަޖާ ޙަރަކާތްތައް ހިމެނޭ ޢީދު ފެސްޓިވަލްތަކަށެވެ.