ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގަންނަން އެމެރިކާގެ ބްލެކްސްޓޯނުން 200 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
“ދަ މެލޭޝިއަން ރިޒާވް” ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ ލޯނު ދިނުމަށް ޖަރުމަނުގެ ޑޮއިޝޭ ބޭންކް އޭޖީ ބޭންކުން ބައިވެރިވާން މިހާރު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެ ލޯނު ނެގުމަށް ހަމަޖެހިފައިވަނީ 10 ޕަސެންޓަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއްގައެވެ.
ބްލެކްސްޓޯނުން ޓީއެމްއޭ ގަންނަން ނިންމާފައިވަނީ 500 މިލިއަން ޑޮލަރަށްވުރެ ކުޑަ އަގެއްގައެވެ.
ބްލެކްސްޓޯނުން ފުރަތަމަ ޓީއެމްއޭ ގަތީ 2013 ވަނަ އަހަރުއެވެ. ނަމަވެސް 2017 ވަނަ އަހަރު 500 މިލިއަން ޑޮލަރަށް އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޝެންޒެން ޓެމްޕަސް ގްލޯބަލް ބިޒްނަސް ސަވިސަސް ހޯލްޑިންގްސްއަށް ޓީއެމްއޭ ވިއްކާލިއެވެ.
އޭގެ ފަހުން ކޮވިޑާ ގުޅިގެން ލިބުނު ގެއްލުމާއެކު ޓީއެމްއޭ އިން ދައްކަން ޖެހުނު 305 މިލިއަން ޑޮލަރުގެ ލޯނެއް ނުދެއްކި ޑިފޯލްޓްވުމާ ގުޅިގެން ލޯން ދެއްކޭނެ މަގެއް ހޯދަން އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކާލައިލްއަށް 2021 ވަނަ އަހަރު ވިއްކާލަން ޖެހުނެވެ.
ޓީއެމްއޭއަކީ 60 އަށްވުރެ ގިނަ ސީޕްލޭނާއެކު، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ.
ކިޔުންތެރިންގެ ހިޔާލު