ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ “ދަ ގާޑަންސް” ޕްރޮޖެކްޓު ނުނިންމުމުން އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފިއެވެ.
ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހު އިންވެސްޓްމަންޓުން “ދަ ގާޑަންސް” ތަރައްގީކުރަން ފެށީ 2017 ވަނަ އަހަރު ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މުއްދަތުގައި ޕްރޮޖެކްޓް ނުނިމޭތީ, އެ ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން އެ ކުންފުންޏަށް އެޗްޑީސީން މުއްދަތު އިތުރުކޮށްދިން ނަމަވެސް އެ ޕްރޮޖެކްޓް ނިންމާފައެއް ނުވެއެވެ.
އެޗްޑީސީ އާއި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ގާނޫނީ ނޯޓިސް ދިނުމަށް ބޯޑުން ނިންމައި، އެ ނޯޓިސް މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ޖާހު އިންވެސްޓްމަންޓަށް ވަނީ ފޮނުވައިފައެވެ.
އެ ނޯޓިސްގައި ޖާހު އިންވެސްޓްމަންޓަށް އަންގާފައި އޮތީ 45 ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމުމަށެވެ. އެހެންނޫން ނަމަ އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް އެ ކުންފުނީގެ އަތުން ނަގާނެ ކަމަށް ނޯޓިސްގައި ބުނެފައިވެއެވެ.
އެޗްޑީސީން މިއަދު ބުނީ, އެ މުއްދަތުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓުން އެ ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައިނުވާތީ އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް، ތަން ހަވާލުކުރުމަށް މިއަދު އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.
އޭގެ އިތުރުން އެއްބަސްވުން ބާތިލުކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ޕްރޮޖެކްޓުން އެޕާޓްމަންޓް ގަނެފައިވާ މީހުންނާ ހިއްސާކުރާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނީ, އެ ކުންފުނިން އެ ފިޔަވަޅު އެޅީ ޖާހު އިންވެސްޓްމަންޓުން ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓުތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށެވެ.