ބްލެކްސްޓޯން އިން ފުރަތަމަ ޓީއެމްއޭ ގަތީ 2013 ވަނަ އަހަރުއެވެ. އެއަށްފަހު 2017 ވަނަ އަހަރު، 500 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 7 ބިލިއަން ދިވެހި ރުފިޔާ) އަށް އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޝެންޒެން ޓެމްޕަސް ގްލޯބަލް ބިޒްނަސް ސަވިސަސް ހޯލްޑިންގްސްއަށް ވިއްކާލިއެވެ.
ނަމަވެސް، ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި މާލީ ގޮންޖެހުންތަކާ ގުޅިގެން، ޓީއެމްއޭ އިން ދައްކަންޖެހުނު 305 މިލިއަން ޑޮލަރުގެ ލޯނު ނުދެއްކި ޑިފޯލްޓްވުމާ ގުޅިގެން، ލޯނު އަދާކުރެވޭނެ ގޮތެއް ހޯދުމަށްޓަކައި 2021 ވަނަ އަހަރު އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކާލައިލްއަށް އެ އެއާލައިން ވިއްކާލެވުނެވެ.
އޭވިއޭޝަން ދާއިރާގެ ޚަބަރުތައް ގެނެސްދޭ ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބްލެކްސްޓޯން އިން އަނެއްކާވެސް ޓީއެމްއޭ ގަތުމަށް މަސައްކަތްކުރަނީ 8 އަހަރު ފަހުން، 500 މިލިއަން އެމެރިކާ ޑޮލަރަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭގެ އެކި ރިސޯޓުތަކަށް ދަތުރުކުރާ ޓީއެމްއޭ އަކީ މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. މި ވަގުތު އެ ކުންފުނިން 65 ސީޕްލޭން އޮޕަރޭޓްކުރަމުން ގެންދެއެވެ.
ކިޔުންތެރިންގެ ހިޔާލު