ރަށްރަށަށް ދިއުމަށް ލޯންޗު ފެރީގެ ހިދުމަތް ހޯދާ ރައްޔިތުންނަށް މާލެއަށް އަރާ ފޭބުމުގައި މިވަގުތު ތަހައްމަލު ކުރަން ޖެހިފައިވާ ތަކުލީފަށް ލުޔެއް ހޯދައި ދިނުމަށް މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އެމްޓީސީސީގެ ދެ ފެރީޓާމިނަލް ބޭނުން ކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ހަތް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
އެމްޓީސީސީން މި ފުރުސަތު ހުޅުވާލާފައި ވަނީ، އެ ކުންފުނީގެ ހެންވޭރު އަދި ހުޅުމާލޭގައި ހުންނަ ފެރީ ޓާމިނަލް ބޭނުން ކުރެވޭ ގޮތަށެވެ. އަދި ޝައުގިވެރިވާ ފަރާތްތަކުން ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިންނެވެ.
އެމްޓީސީސީން ބުނީ، މިހާތަނަށް އެކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އދ. ފެންފުށި، މާމިގިލި، ދިއްދޫ، ކ. މާފުށި، ގުރައިދޫ، ގުޅި، ގާފަރު، ކާށިދޫ، އަދި ބ. ތުޅާދޫ، ހިތާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދުއަށް ލޯންޗް ފެރީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ކަމަށެވެ.
އެ ކުންފުނިން އަންދާޒާ ކުރާ ގޮތުގައި، މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު، މި ހިދުމަތް ފެށުމާއެކު ދުވާލަކު ޖުމުލަ 15 ލޯންޗް ފެރީއަށް އެ ޓާމިނަލުން ހިދުމަތް ދެވޭނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2000 ފަސިންޖަރުންނެވެ.
ހިދުމަތް ރޭވިފައިވާ ގޮތަށް ބަލާއިރު ހެންވޭރު ޓާމިނަލުން އެއްފަހަރާ 5 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ، އަދި ހުޅުމާލޭ ފެރީ ޓާމިނަލުން އެއްފަހަރާ 3 ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ ވަނީ ހާއްސަކޮށްފައި ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ކޮންމެ އުޅަނދަކަށް ވެސް އެ އުޅަނދު ޖެޓީއަށް ލަފާ ހިސާބުން ފެށިގެން ފުރުމާ ދެމެދު 30 މިނިޓުގެ ވަގުތެއް ލިބޭނެއެވެ.
ދަތުރުވެރީން ޓާމިނަލަށް އައިސް ފުރުމާ ދޭތެރޭ މަޑުކޮށްލުމަށް ހާއްސަ ސަރަހައްދެއް ޓާމިނަލް ތެރޭ އިންތިޒާމު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު