އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދި ޝިޒާން، ކަނޑުހުޅުދޫ ސްކޫލުން ވެސް އެއްވަނަ ހޯދައިފި
ކަނޑުހުޅުދޫ: އޯލެވެލް އިމްތިޙާނުގެ އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދި މުޙައްމަދު ޝިޒާން އިސްމާއިލް، ކަނޑުހުޅުދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދައިފިއެވެ. މިއީ އެ ސްކޫލުން މިހާތަނަށް ހޯދި އެންމެ ރަނގަޅު ނަތީޖާ ކަމަށާއި، ދުނިޔޭގެ ފެންވަރުގެ ވަނައެއް ހޯދި ފުރަތަމަ ދަރިވަރަކީ ވެސް ޝިޒާން ކަމަށް ސްކޫލުން މައުލޫމާތު ދީފައިވެއެވެ.
2023-2024 ވަނަ އަހަރުގެ ކަނޑުހުޅުދޫ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މި އެވޯޑު ޝިޒާނަށް ދެވުނެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް އެޑްމިނިސްޓްރޭޝަން ހިންގުމާ ހަވާލުވެ ހުންނެވި އަލީ މުފީދެވެ.
ފާއިތުވި އަހަރު ބޭއްވުނު އޯލެވެލް އިމްތިޙާނުގައި ޝިޒާން ވަނީ ހަތް އޭ ސްޓަރ އާއި އެއް އޭ ހޯދައި، ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދާފައެވެ. ގަދަ ދިހައެއްގެ އެއްވަނައަށް ނޭރުނީ ދިވެހިން އޭ އެއް ލިބުމުންނެވެ. އަދި ސެކަންޑް ލެންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދުމުގެ ޝަރަފު ވެސް ޝިޒާނަށް ލިބުނެވެ.
ޝިޒާން ބުނެފައިވަނީ މިކާމިޔާބުގެ ސިއްރަކީ، ކިޔަވާހިތްވާ ދަރިވަރަކު ކިޔަވަން ވަކި ތަނެއް ނެތް ކަމަށާއި، އަޒުމަކާއެކު މަސައްކަތްކޮށް ހިތްވަރު ކުރެވިއްޖެނަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެ ކަމަށެވެ. އޭނާ ބުނީ ފިލާވަޅު ދަސްކުރަން ގެންގުޅުނު ފޯމިއުލާއަކީ ފިލާވަޅުތަކާއި މުދައްރިސުންދޭ ނޯޓްސްތައް ފަހުމުވާ ވަރަށް ކިޔައިގެން ދަސްކުރުމާއި، ފަހުން ރިކޯލް ކުރެވޭ ވަރަށް ފަރިތަކުރުން ކަމަށެވެ.
މިހާރު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން އޭލެވެލް ހަދަމުންދާ ޝިޒާން ފާހަގަކުރި ގޮތުގައި، އާބާދީ މަދު ސްކޫސްކޫލްތަކުގައި ކިޔަވަން މާ ފަސޭހަވެ، ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ލިބޭ ސަމާލުކަން މާ ބޮޑެވެ.
ޝިޒާންގެ މި ކާމިޔާބީއަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ލިބުނު ބޮޑު ފަޚުރެއް ކަމަށް ތައުލީމީ ދާއިރާގެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ކާމިޔާބީތޔާބީތަކަކީ އެހެން ދަރިވަރުންނަށް ވެސް ހިތްވަރެއް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު