ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ހަގީގަތް އަދިވެސް ހޯދިފައި ނުވާތީ، ރަށުގެ ގިނަ ބަޔަކު އެ ރަށު ޕޮލިސް ސްޓޭޝަން ކުރިމަތީގައި މިއަދު އިހްތިޖާޖް ކޮށްފި އެވެ.
ޒަކިއްޔާ މަރުވަފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަނުގެ ތެރެއިންނެވެ. ތޫނުއެއްޗަކުން ދީފައިވާ ޒަޚަމްތަކެއް ޒަކިއްޔާގެ ހަށިގަނޑުން ފެންނަން ހުއްޓަސް ފުލުހުން ބުނީ މިހާތަނަށް ކުރި ތަހުގީގުން އެއީ އެހެން މީހަކު އޭނާއަށް ދިން އަނިޔާއެއްކަން އެނގޭނެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށެވެ.
އެ ރަށު ރައްޔިތުން ގަބޫލުކުރާގޮތުގައި އެއީ އެހެން މީހަކު ދިން އަނިޔާތަކެކެވެ. އެ ރަށު މީހުން އެކަމުގައި ތުހުމަތު ކުރަނީ ޒަކިއްޔާގެ ފިރިމީހާއަށެވެ. އެ ތުހުމަތާ ގުޅޭގޮތުން އޭނާ އެއްވެސް އެއްްޗެއް މިހާތަނަށް ބުނެފައެއްނުވެއެވެ.
ކަޅު ހެދުމުގައި މިއަދު ކުރި އިހްތިޖާޖުގައި ވަނީ ޒަކިއްޔާގެ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާފައެވެ. މުޒާހަރާ ކުރީ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބެއެވެ.
ޕޮލިސް ސްޓޭޝަން ކުރިމަތީގައި އިހްތިޖާޖް ކުރަން ފެށުމާއެކު، ލޯންޗެއްގައި އެ ރަށަށް އިތުރު ފުލުހުންތަކެއް އައެވެ. އެއްވުވުމުގެ ބައިވެރިން ގިނަ ކަމުން ފުލުހުން ރަށު ތެރެއަށް އެރީ ޕެޕާ ސްޕްރޭ ޖެހުމަށްފަހުއެވެ.
ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް، ޕެތޮލޮޖިސްޓް ޑޮކްޓަރަކަށް ދެއްކުމުން ބުނެފައި ވަނީ އެހެން މީހެއްގެ ފުށުން ލިބޭ ޒާތުގެ އަނިޔާއެއް އޭނާގެ ހަށިގަނޑުން ނުފެންނަ ކަމަށެވެ. ހަށިގަނޑުން ހެސިޓޭޝަން މާކްސް ނުވަތަ އަޅަން ނުކެރިގެން ވަޅި އަޅާފައި ހުންނަ ޒާތުގެ ނިޝާންތަކެއް ފެނުނު ކަމަށް ޑޮކްޓަރު ބުނެފައިވެއެވެ.
އެކަން ހިނގި ތަނުގައި އިތުރު މީހެއް އުޅެފައިވާކަން ފާހަގަވާ ފަދަ ކަމެއް ނުވަތަ ނިޝާނެއް ނުފެންނަ ކަމަށް ފުުހުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު