މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް އަހުމަދު މުޖާހިދު ހަމަޖައްސައިފިއެވެ.

މުޖާހިދު މި މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އޭރުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު ރިޓަޔާ ކުރުމާއި ގުޅިގެންނެވެ. މަޖީދިއްޔާ ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް އިއުލާން ކުރީ މިދިޔަ މަހުއެވެ.

ތައުލީމީ ދާއިރާއިން 16 އަހަރުގެ ތަޖުރިބާ ހާސިލް ކުރައްވާފައިވާ މުޖާހިދު މި މަގާމަށް ހޮވިފައި ވަނީ ވަޒީފާއަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިންނެވެ. އޭނާ ވަނީ މިއަދުން ފެށިގެން ވަޒީފާއަށް ނުކުންނަން ވައްޓަވާފައެވެ.

އިޝްތިހާރު އިޝްތިހާރު

މުޖާހިދު މީގެ ކުރިން ހުންނެވީ ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައެވެ. އޭގެ ކުރިން އޭނާ ވަނީ އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް މަގާމުގައިވެސް ކުރު މުއްދަތެއް ހޭދަކުރައްވާފައެވެ.

މުޖާހިދު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ދަރަންދޫ ސްކޫލުގައި ފިޒިކްސް ޓީޗަރެއްގެ ގޮތުގައެވެ.

އޭނާ ވަނީ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.  ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ފަހުން އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ވެސް އަދާކުރައްވާފައިވެއެވެ. އަދި ޕާޓްޓައިމް ލެކްޗަރާއެއްގެ ގޮތުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައިވެސް ކިޔަވައިދެއްވިއެވެ.