މާލީ ވުޒާރާއިން ހަފުތާއަކު އެއްފަހަރު ޝާއިޢުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތަކަށް ބަލާއިރު، މިހިނގާ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން 3.3 ބިލިއަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އަދި ޓެކުސް ނޫން އެހެނިހެން ގޮތްގޮތުން 393.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި 16.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މި މުއްދަތުގައި ދައުލަތުގެ ބަޖެޓުން ޚަރަދުވެފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުވި 3.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 40 އިންސައްތަ ދަށް އަދަދެކެވެ.
ދައުލަތުގެ ރިކަރަންޓް ޚަރަދުތައް 19.9 އިންސައްތަ ދަށްވެފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތައް 34.5 އިންސައްތަ ދަށްވެފައިވެއެވެ. މީގެ އިތުރުން، ކެޕިޓަލް ޚަރަދުތައްވެސް 86 އިންސައްތަ ދަށްކުރެވިފައިވާކަން ފާހަގަކުރެވެއެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރެވުމުގެ ސަބަބުން، ބަޖެޓުގެ އަރަނި އިތުރުވެފައިވެއެވެ. ޖުމްލަ އަރަނި ނުވަތަ ސާޕްލަސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރެކޯޑުކުރެވުނު 886.9 މިލިއަން ރުފިޔާއަށްވުރެ 45.3 އިންސައްތަ އިތުރު އަދަދެކެވެ.