ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތު (ވަމީ) އާއި އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރި ޢުމްރާ ދަތުރުގެ ބައިވެރިން ސަޢޫދީ ޢަރަބިއްޔާއަށް ވަނީ ފުރައިގެން ގޮސްފައެވެ.
މި ދަތުރުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޖަމްޢިއްޔާގެ އިތުރުން، ވިލާ ކޮލެޖް، ޒިކުރާ ކޮލެޖް، ސީއެޗްއެސްއީ، އަޙްމަދިއްޔާ ސްކޫލު، ހިރާ ސްކޫލު އަދި ޒުވާން ޚަޠީބުންގެ ބައެއް ފަރާތްތައް ބައިވެރިވެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދެވޭ ދަތުރެކެވެ.
މި ދަތުރަކީ މި މަހުގެ 14 އިން 21 އަށް ކުރިއަށްދާ ސްޓަޑީ ޓުއަރެކެވެ. މި ދަތުރުގައި ޢިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ތާރީޚީ އަދި ދީނީގޮތުން މުހިންމު ތަންތަނަށް ޒިޔާރަތްކުރުން ހިމެނެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން ފާހަގަކުރެއްވިގޮތުގައި، މިދިޔަ އަހަރު އިމާމުންނާއި ޚަޠީބުންނަށް ސަޢޫދީ ޢަރަބިއްޔާގެ އިތުރުން މިޞްރު، މެލޭޝިޔާ، ބުރުނާއި އަދި އިންޑޮނޭޝިޔާއަށް ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ދަތުރުތަކެއް ވަނީ ކުރެވިފައެވެ.