ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، މިހާރު ދުވާލަކު އެވްރެޖްކޮށް 7،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަމުންދާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ދޫކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި ރާއްޖެއަށް 55،558 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 52،511 ފަތުރުވެރިންނާ އަޅާބަލާއިރު 5% އިތުރު އަދަދެކެވެ.
މިއަހަރުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އެދުވަހު 9،495 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 279،916 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 11.2% އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އަހަރުގެ މިހާތަނަށް ޗައިނާއިން ވަނީ ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 69.7% ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ. އަދި 25.4% ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ގެސްޓްހައުސްތަކުގައެވެ.
ސަރުކާރުން މިއަހަރަށް ވަނީ 2.3 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިއަން ފަތުރުވެރިންނާ އަޅާބަލާއިރު 3 ލައްކަ ފަތުރުވެރިން އިތުރު އަދަދެކެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް މިލިބެމުންދާ ކުރިއެރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއްކަމަށް އިޤްތިޞާދީ މާހިރުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު