އޯޓިޒަމް ހުންނަ ފަރާތްތަކާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެފަދަ ފަރާތްތަކުގެ ކިބައިގައި ހުންނަ ހުނަރުތައް ތަރައްޤީކޮށް، އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15 ވަނަ އަހަރީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އޯޓިޒަމް ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި އެ ފަރާތްތަކުގެ އިޙްސާސްތަކާ ގުޅޭގޮތުން ދިވެހި މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި އެ ފަރާތްތަކަކީ މުޖުތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި ބިނާކުރަންޖެހޭ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އޯޓިޒަމް ހުންނަ ފަރާތްތަކުގެ ސިކުނޑި މަސައްކަތްކުރާ ގޮތް ތަފާތުވުމުގެ ސަބަބުން، އެ ފަރާތްތަކާމެދު މުޖުތަމަޢުގެ ނަޒަރު ތަފާތުވުމަކީ ރަނގަޅު ކަމެއް ނޫންކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި އޯޓިޒަމް ހުންނަ ފަރާތްތަކުގެ ކިބައިގައިވެސް ޚާއްޞަ ހުނަރުތަކެއް ހުރެދާނެކަމަށާއި، އެކަން ދެނެގަނެ އެ ފަރާތްތައް މުޖުތަމަޢުގައި ޝާމިލުކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އަމިއްލަ ޙައްޤުތަކަށް ވަކާލާތުކުރެވޭނެ މާޙައުލެއް އެ ކުދިންނަށް ފަހިކޮށްދިނުމަކީ މުހިންމު ކަމެއް. މި ދާއިރާއިން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން. އޯޓިޒަމަކީ ޞިއްޙީގޮތުން އިންސާނާ ތަޖުރިބާކުރާ ޚާއްޞަ ޙާލަތެއް. އެއީ ފަރުވާއާއި ބެލެހެއްޓުން ބޭނުންވާ ކަމެއް. އެކަށީގެންވާ ފަރުވާއާއި ބެލެހެއްޓުން ލިބިއްޖެނަމަ، އާދަޔާ ޚިލާފު ނަތީޖާތަކެއް ޙާޞިލުކުރެވިދާނެ- މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މީގެއިތުރުން، ކުއްޖެއްގެ ކިބައިގައި އޯޓިޒަމް ހުރިކަން އެނގުމުން މާޔޫސްވުމުގެ ބަދަލުގައި، އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރުތައް ދެނެގަތުމަށް މަސައްކަތްކުރުމުގެ މުހިންމުކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި އެ ހުނަރުތައް ތަރައްޤީކޮށް، އެ ކުއްޖަކަށް ވީހާވެސް ގިނަ ފުރުޞަތުތައް ހޯދައިދިނުމަކީ މުހިންމު ކަމެއްކަމުގައި އެކަމަނާ އިތުރަށް ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ދެވުނެވެ. މި ފިލާތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އަދި އެސޯސިއޭޝަނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ސެޓްފިކެޓް ދެވުނެވެ. މި ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ އެސޯސިއޭޝަންގެ ސްޕެޝަލް އެޑްވައިޒަރ އަދި ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ.
2010 ވަނަ އަހަރު އުފެދުނު މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ދިރިއުޅޭ އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ އެކިއެކި ފަރުވާތައް ފޯރުކޮށްދީ، އެ ކުދިންނަށް ދިރިއުޅުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދީ، މަދަރުސީ މާޙައުލަށް ތައްޔާރުކުރުމެވެ. މީގެއިތުރުން، އެސޯސިއޭޝަނުން އޯޓިޒަމް ހުންނަ ކުދިންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައްވެސް ހިންގައެވެ.
ފާއިތުވި 15 އަހަރު ދުވަހުގެ ތެރޭގައި 1,800 އަށްވުރެ ގިނަ ކުދިންނަށް އޯޓިޒަމް އެސޯސިއޭޝަނުން ޚިދުމަތް ދީފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިހާރުވެސް 168 ކުދިން އެ އެސޯސިއޭޝަނުން ޚިދުމަތް ހޯދަމުންދާކަން ދަންނަވަމެވެ.