މޯލްޑިވިއަން އެއަރލައިންސްއިން އެތެރޭގެ ދަތުރުތަކުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ފަހަކަށް އައިސް މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގު އިތުރުވެފައިވާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން އިޖުތިމާޢީ މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާތީ، އެކަމާ ގުޅޭގޮތުން މޯލްޑިވިއަންއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެ ކުންފުނީގެ ޓިކެޓުތަކުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، ބުކިންގ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، އޮންލައިންކޮށް ޓިކެޓުތަކުގެ އަގު އާންމުންނަށް ފެނިފައިވަނީ އަގުބޮޑުކޮށް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މޯލްޑިވިއަންއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި މައްސަލަ މިހާރު ވަނީ ޙައްލުކުރެވިފައެވެ. އަދި މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
އެއްވެސް ކަސްޓަމަރަކަށް ޓިކެޓު ގަތުމުގައި މައްސަލައެއް ދިމާވާނަމަ، އެ ކުންފުނީގެ ކޯލް ސެންޓަރ ނަންބަރު 1671 އަށް ގުޅުއްވުމަށް މޯލްޑިވިއަންއިން އިލްތިމާސްކޮށްފައިވެއެވެ.
މޯލްޑިވިއަންއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެ ކުންފުނީގެ ޓިކެޓުތަކުގެ އަގުތައް ކަނޑައަޅާފައިވަނީ މިހާރުގެ ބާޒާރުގެ ޙާލަތަށް ރިޢާޔަތްކޮށް، ވީހާވެސް ބޮޑަށް ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަކަށެވެ. އަދި ދުރާލައި ޓިކެޓު ގަތުމަށް އެ ކުންފުނިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ކުރިއަލައި ޓިކެޓު ގަންނަ ފަރާތްތަކަށް ޚާއްޞަ އަގުހެޔޮ ފެއަރތަކެއް ދޭކަންވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.