ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒްކޮށް މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުންދޭނެ ކައުންސިލަރުން އިންތިޚާބުކުރުން މުހިންމުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ދޮރުންދޮރަށް ކެމްޕެއިން ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން އެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯ ތަންފީޒްކުރުމަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް މުހިންމުކަމަށެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ އަބަދުވެސް ވިސްނުމަކީ އެއްވެސް މަޝްރޫޢުއެއް މަޑޫނުޖެހި ކުރިއަށް ދިއުންކަމަށާއި، އެކަމަށްޓަކައިވެސް އެއްބާރުލުން ދޭނެ ކައުންސިލަރުން މުހިންމުކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި މީގެ ކުރިން ބައެއް ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ރަނގަޅު ނަތީޖާ ނުނެރެވިހުރިތަން ފެނިފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ ބައެއް ކައުންސިލްތަކަށް ސަރުކާރުން ނުފީޒް ފޯރުވާފައި ހުރިތަންވެސް ފެނިފައިވާކަމަށެވެ. ނަމަވެސް މި ސަރުކާރުން އެފަދަ އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށާއި، މިއީ ލާމަޒރުކަޒީ ނިޒާމަށް ފުރިހަމައަށް އެއްބާރުލުންދޭ އަދި ފުރިހަމަގޮތުގައި ތަންފީޒްކުރާނެ ސަރުކާރެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯ ތަންފީޒުކުރުމުގައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ކައުންސިލްތަކުގެ މުހިންމު ދައުރެއް އެބައޮވޭ. ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް ބޮޑެތި އެހީތެރިކަން ކައުންސިލްތަކުން އެބަ ބޭނުންވޭ.
ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ވަނީ ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވާނެ ތަންތަނުގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރާތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. އޭގެ ބަދަލުގައި ކައުންސިލްތަކަކީ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކަަކަށްވެ ސަރުކާރުގެ ގުނަވަނެއްގެ ގޮތުގައި އޮންނަ ބައެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު