ސައިރަން އަޅަމުން ދިޔަ އެމްބިއުލާންސަކަށް ޖާގަ ނުދީ، މަގު ބްލޮކުކޮށްގެން މުދާ ބާލަން އޮތް ޕިކަޕެއްގެ މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ނޫސްވެރިޔަކު ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަ ޕިކަޕަކުން މަގުމައްޗަށް މުދާ ބޭލީ، ސައިރަން އަޅަމުން ދިޔަ އެމްބިއުލާންސް ޕިކަޕްގެ ސަބަބުން އެ މަގުން ކުރިއަށް ނުދިވެފައި އޮއްވައެވެ. އެމްބިއުލާންސް ސައިރަންގައި އައުމާއި ގުޅިގެން އެސަރަހައްދުގައި ތިބި އެހެން ވެހިކަލްތައް ވެސް ވަނީ ބަރުގޮނު އަޅާފައެވެ.
އެޕިކަޕު އެސަރަހައްދުން ގޮސްފައިވަނީ މުދާ ބާލާ ނިންމުމަށްފަހު އެވެ. މިކަން ވީޑިއޯ އިން ކަށަވަރުވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެ މައްސަލަ އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭނަމަ އަޅާނެ ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިންވެސް އެމްބިއުލާންސަށް ޖާގަ ނުދީ، ސައިކަލްތަކެއް ދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވިއެވެ.
ކިޔުންތެރިންގެ ހިޔާލު