މިދިޔަ ހަފްތާގައި ފ އަދި ދ އަތޮޅުގައި ފށި އާރުޓީއެލް ފެރީގެ ޚިދުމަތުން ނަގާ އަގުތަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ އިޢުލާންގައިވާގޮތުން ފ. އަތޮޅުގައި އެތެރޭގެ ދަތުރުތަކުގެ އެންމެ ހެޔޮ އަގަކީ 35 ރުފިޔާއެވެ. އަދި އެންމެ ބޮޑު އަގަކީ 75 ރުފިޔާއެވެ. މީގެ އިތުރުން ދ. އަތޮޅުގެ އެތެރޭޣެ އެންމެ ހެޔޮ އަކަކީ 35 ރުފިޔާއެވެ. އަދި ރޫޓުގެ ދެކޮޅު އަގަކީ 65 ރުފިޔާއެވެ. ދ. އަތޮޅުގައި އެންމެ އަގުބޮޑޫކޮށް ކުރާ ދަތުރުގެ އަގަކީ 125 ރުފިޔާއެވެ. އަދި ދެކޮޅު ދަތުރެއްގައިނަމަ 225 ރުފިޔާއެވެ.
ފ. އަތޮޅާއި ދ. އަތޅަށް ކުރާ ދަތުރުތަކުގެ އަގުތައްވެސް އާންމުކޮްފައިވެއެވެ. އެގޮތުން ދެ އަތޮޅުގެ ދެމެދުގައި ކުރާދަތުރުތަކުގެ އެންމެ ހެޔޮ އަގަކީ 130 ރުފިޔާއެވެ. އަދި އެންމެ ބޮޑޫ އަގަކީ 150 ރުފިޔާއެވެ. އެއީ އެއްކޮޅު ޓިކެޓުގެ އަގެވެ.
އާރްޓީއެލްގެ ޚިދުމަތް ދެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މިހާރު ކުރިއަށްދަނީ ދަތުރަށް އާންމުން އަހުލުވެރިކުރުވުމަށް ކުރާ ދަތުރުތަކެވެ. އެއީ ހިލޭ ކުރެވޭ ދަތުރުތަކެކެވެ. ނަމަވެސް އަހުލުވެރިކުރުވުމުގެ މުއްދަތަށްފަހު، މިމަހުގެ 25 ވާ ބުދަ ދުވަހުން ފެށިގެން ދަތުރުތައް ކުރިއަށްދާނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓް ބަލައިގަތުމުގެ އިންތިޒާމު އާރްޓީއެލް ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ހަމަޖެހިފައިވާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ދ. އަތޮޅުގައި ޖުމުލަ 3 ރޫޓަކަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެއީ އަތޮޅު ތެރޭގައި ދަތުރުތައް ކުރާ 2 ރޫޓުގެ އިތުރުން ދ. އަތޮޅާއި ފ. އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓެވެ. މި ދެ އަތޮޅު ގުޅާލަދޭ ދަތުރުތައް ކުރާނީ ފ. ނިލަންދުއާއި ދ. މީދޫއާ ދެމެދުގައެވެ. އަދި މި ޚިދުމަތް ދިނުމަށް ޖުމުލަ ދެ ފެރީ ބޭނުންކުރާނެ ކަމަށްވެސް އެކުންފުނިން އެމްޓީސީސީން ބުންޏެވެ.
މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ކުޑަ އަގެއްގައި އަދި އަރާމުކޮށް ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމެވެ.
ކިޔުންތެރިންގެ ހިޔާލު