ޓެރިފްގެ މައްސަލާގައި އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮންޖަހައިފިއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ސުޕްރީމް ކޯޓުގެ ނިންމުމަށް ގޮންޖެހީ، ދުނިޔޭގެ ގައުމުތަކުން ޓެރިފްސް (ނުވަތަ ޑިއުޓީ) ނެގުމުގެ ގާނޫނީ ބާރެއް ޓްރަމްޕަށް ލިބިގެން ނުވާ ކަމަށް ކޯޓުން ކަނޑައެޅުމުންނެވެ.
އެމެރިކާގެ ދަށު ކޯޓުތަކުން މީގެކުރިން ނިންމާފައިވާ ހުރިހާ ނިންމުންތައްވެސް އައިސްފައިވަނީ ޓްރަމްޕްގެ ނިންމުމާ ދެކޮޅަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާއެކު، އެމެރިކާ ސަރުކާރު ޕެނިކަށް ވެއްޓި، ރައީސް ޓްރަމްޕް ކުއްލި ޕްރެސް ކޮންފަރެންސެއް ބާއްވައި ބުނެފައިވަނީ، ސުޕްރީމް ކޯޓު ވަފާތެރި ނޫން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމަށް ހިތާމަކުރާ ކަމަށްވެސް ބުނެފައި ވެއެވެ.
މުޅި ޕްރެސް ކޮންފަރެންސްގެ ބޮޑުބައި ޓްރަމްޕް ހޭދަކޮށްފައިވަނީ ސުޕްރީމް ކޯޓަށް ފާޑުކިއުމުގައެވެ. ބުނެފައިވަނީ، ކޯޓުގެ ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ މެދު ލަދުވެތިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި އެމެރިކާގެ ސުޕްރީމް ކޯޓުން އިސްކަން ދެނީ ބޭރުގެ މަސްލަހަތުތަކަށް ކަމަށް ތުހުމަތުވެސް ކުރިއެވެ.
އެއާއެކު، ޓްރަމްޕް ވަނީ، ސުޕްރީމް ކޯޓަށް ގޮންޖަހައި، މުޅި ދުނިޔެއަށް 10 އިންސައްތަ ޓެރިފް އިއުލާންކޮށް ވަގުތުން ތަންފީޒުކުރަން ފަށާނޭ ކަމަށް އިއުލާން ކޮށްފައެވެ.
ޓްރަމްޕް ބުނީ، އޭނާގެ ވެރިކަމުގައި ހުއްޓުވި 8 ހަނގުރާމައިގެ ތެރެއިން 5 ހަނގުރާމަ ހުއްޓުވުނީ ޓެރިފްގެ ބޭނުންކޮށްގެން ކަމަށެވެ.
ޓެރިފްގެ މައްސަލާގައި ސިޔާސަތެއް އެކުލަވާލަން ކޮންގްރެސްއާއެކު އެއްވެސް މަސައްކަތެއް ކުރާނެތޯ ސުވާލު ކުރުމުން ޓްރަމްޕް ބުނީ، ޓެރިފާ ގުޅޭގޮތުން ކޮންގްރެސްއާއެކު އެއްވެސް ކަމެއް ކުރަން ބޭނުން ނުވާ ކަމަށާއި، ޓެރިފްގެ ކަންތަކުގައި ގޮތް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އޭނާއަށް ލިބިގެންވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެމެރިކާގެ އިގްތިސާދަށް ގެއްލުންވާ ކަމަށް ބުނެ، ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ އެކި ގައުމުތަކަށް ޓެރިފް ތައާރަފް ކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެގޮތުން، އެކި ގައުމުތަކަށް އެކި މިންވަރަށް ތައާރަފް ކޮށްފައި ވެއެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅީގެން އިދިކޮޅު ޑިމޮކްރޭޓުންނާއި، އަދި އެމެރިކާގެ ވިޔަފާރީގެ އެތައް ބައިވެރިންވަނީ އެކަމަށް މަރްހަބާ ކިޔާފައެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން އެމެރިކާގެ ރައީސް ޓްރަމްޕް ފަށައިގެން އުޅޭ ވިޔަފާރީގެ ހަނގުރާމައަށް ނިމުން އަންނާނޭ ކަމަށް އުންމީދުކުރާކަންވެސް ހާމަކުރަމުން އެބަ ގެންދެއެވެ.
ކިޔުންތެރިންގެ ހިޔާލު