އަލުން ތަރައްޤީކުރުމަށް ބަންދުކޮށްފައިި އޮތް ޖުމްހޫރީ މައިދާން ސަރަޙައްދު ވަގުތީގޮތުން ހުޅުވާލައިފިއެވެ. ޖުމްހޫރީ މައިދާން ސަރަހައްދު ހުޅުވީ އެތަން ތަރައްޤީކުރުމުގެ %90 ނިންމުމަށްފަހުއެވެ.
ޖުމްހޫރީ މައިދާން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވަނީ ބައްލަވާލައްވާފައެވެ. ޖުމްހޫރީ މައިދާން އަލުން ތަރައްޤީކުރުމަށް ބަންދުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. އެތަން ތަރައްޤީކުރުން ކުރިއަށްދަނީ އާރުޑީސީއާ ޙަވާލުކޮށްގެންނެވެ.

ޖުމްހޫރީ މައިދާން ނުހުޅުވި މިހާތަނަށް ލަސްވީ، ފްލޯރިންއަށް ރާއްޖެއިން ބޭރުން ގެންނަ ބައެއް ތަކެތި ގެނައުމުގައި އުޅޭ ލަސްތަކެއްގެ ސަބަބުންކަމަށް އާރުޑީސީން ބުންޏެވެ. ނަމަވެސް އެ ސަރަހައްދަކީ ގިނައަދަދަކަށް ބަޔަކު ހިތްފަސޭހަކޮށްލުމަށް ރޯދަމަހު ބޭނުންކުރާ މައިޒާނަކަށްވުމުން އެ ސަރަޙައްދު ވަގުތީ ގޮތުން ހުޅުވާލަން ނިންމީކަމަށްވެސް އެކުންފުނިން ބުންޏެވެ. އެތަން އާންމުންނަށް ހުޅުވާލިނަމަވެސް ވިނަ ހެއްދުމުގެ މަސައްކަތް ކުރިއަށްދާތީ އެތަން އަދިވެސް އޮތީ ބަންދުކޮށްފައެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް އާރުޑީސީން ވަނީ އެދިފައެވެ.
ޖުމްހޫރީ މައިދާން ތަރައްޤީކުރަން ނިންމީ އެސަރަޙައްދަކީ ރާއްޖޭގެ ތާރީޚުގައި މުހިންމު ކަންތައްތަކެއް ހިނގާފައިވާ އެންމެ ފަޚުރުވެރި އެއް ސަރަޙައްދަށް ވެފައި، މާލޭގެ މަލަމަތީގެ ހައިބަތު ހިފަހެއްޓުމާއެކު، އެ ސަރަޙައްދުގެ ހިތްގައިމުކަން ދެމެހެއްޓުމަށްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ޖުމްހޫރީ މައިދާން ސަރަޙައްދަކީ ރަސްމީ އެކި ހަރަކާތްތައް ހިންގުމާއި ހަވީރުގެ ވަގުތުގައި ކުޑަކުދިން ގޮވައިގެން އާއިލާތަކުންވެސް ޒިޔާރަތްކުރާ މުހިންމު ސަރަޙައްދެކެވެ. އަދި މިއީ ކޯއްޓޭގައި ހުންނަ ބޮޑު ދިދަޔާއެކު، މާލެއަށް އަންނަ ފަތުރުވެރިންގެ މެދުގައިވެސް އެންމެ މަޤުބޫލު އެއް ސަރަޙައްދެކެވެ.
ޖުމްހޫރީ މައިދާނުގައ ރަސްމީ ގިނަ ހަރާކްތަތަކެއް ސަރުކާރުން އަންނަނީ ބާއްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު