މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން މާލެއާއި އަތޮޅުތެރޭގައި ކުރިއަށްގެންދާ “ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2026” ގައި މާލޭގައި ހަރަކާތްތެރިވުމަށް 16 އެނިއުމަރޭޓަރުން ހޯދުމަށް އެ ބިއުރޯއިން އިޢުލާންކޮށްފިއެވެ.
މި ސަރވޭގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމު ހާސިލްކޮށްފައިވާ، އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ. މީގެ އިތުރުން ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި، އަތޮޅުތެރެއަށް ގޮސް މަސައްކަތް ކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެ ބިއުރޯއިން މަޢުލޫމާތުދެއެވެ.
އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް މަސައްކަތަށް އަހުލުވެރިކުރުވުމުގެ ގޮތުން 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާޔަތްތަކުގެ ތަފްޞީލް:
– ތަމްރީނު ފުރިހަމަކޮށް ފީލްޑް މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް، ތަމްރީނުގެ ކޮންމެ ދުވަހަކަށް 150 ރުފިޔާ.
– ފީލްޑް މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 500 ރުފިޔާ.
– ފުޑް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 300 ރުފިޔާ.
– ފޯނު އެލަވަންސްގެ ގޮތުގައި ދުވާލަކަށް 30 ރުފިޔާ.
މި ސަރވޭގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ބިއުރޯއިން ހިއްސާކޮށްފައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 26 ފެބްރުވަރީ 2026 ގެ 14:00 އެވެ.
ސަރވޭއާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 3008400 ނުވަތަ 3008408 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެދިލައްވައެވެ.
ކިޔުންތެރިންގެ ހިޔާލު