ކުއްލި ޚަބަރު

ޓްރީޓޮޕް ހޮސްޕިޓަލްގެ މާލޭ ކްލިނިކުން އެންޑޮކްރިނޮލޮޖީގެ ހިދުމަތް ލިބޭ ގޮތް ހަމަޖައްސައިފި

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ގުރުއަތުލުން ފަށައިފި

ހުއިފިލަނޑާގެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު ސަސްޕެންޑްކޮށްފި

މާފުށީގެ ދުވަސްވީ ނަރުދަމާ އަޕްގްރޭޑްކޮށް އަލަށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އަޅަން ހަވާލުކޮށްފި

ކ.މާފުށީގައި އަލަށް ހިއްކި ސަރަޙައްދުގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފިއެވެ. މިމަޝްރޫޢުގެ އިތުރުން މާފުށީގައި އޮތް ކުރީގެ ނަރުދަމާ، ޒަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް އެކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން، ކ.މާފުށީގައި އަލަށް ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމުކޮށް، އެރަށުގައި އޮތް ކުރީގެ ނަރުދަމާ ނިޒާމު ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީއާއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ރަށު ފަތުރުވެރިކަން ކުރިއަރާފައިވާ ރަށެއްކަމުން އެރަށުގައި އޮތް ދުވަސްވީ ނަރުދަމާ ބަދަލުކޮށް މިހާރު ދިމާވަމުންދާ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އަދި ހަމައެއާއެކު އެރަށުގެ އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދުގައިވެސް ވީހާވެސް އަވަހަށް މަސައްކަތްތައް ފެށުމަށްޓަކައި ޔޫޓިލިޓީގެ ޚިދުމަތްތައް އަވަހަށް ޤާއިމުކުރުމަކީ މުހިއްމުކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

“އަންމުކޮށް މިހާރު އަޅާ ގްރެވިޓީ ނިޒާމުގެ ބަދަލުގައި ސްމޯލް ބޯ ސްވަރޭޖް ސިސްޓަމް ހުންނަ ރަށަކަށްވެފައި އޭގެ މައްސަލަތަކެއް ދިމާވަމުންދާތީ އާންމުކޮށް މިއަޅާ ގްރެވިޓީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް މިހަވާލުކުރީ.” ވަޒީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، މިމަޝްރޫޢު ތާވަލާއެއްގޮތަށް ކުރިއަށްގެންގޮސް މަސައްކަތް ނިންމާލާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

“އަޅުގަނޑުމެން އަންނަ ހަފްތާގެ ތެރޭގައި ސައިޓް މޮބިލައިޒްކުރާނެ އެރަށުގައި، އަދި އަންނަ ހަފްތާގެ ތެރޭގައި ޢަމަލީ މަސައްކަތްވެސް ފެށިގެންދާނެ.” މަތީން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ދާއިރާގެ މަޖިލީސް މެމްބަރު ޙުސެއިން ރިޟާ ވިދާޅުވީ މާފުށީގައި އޮންނަނީ 2004 ގެ ސުނާމީއަށްފަހު އެޅި ނަރުދަމާއެއްކަމަށެވެ. އަދި އެފަހުން ރަށުގައި ގިނަ ޢަދަދެއްގެ ގެސްޓް ހައުސް ތަރައްޤީކުރުމާއެކު އެރަށުގެ ނަރުދަމާ ވަރަށް ބޮޑަށް މައްސަލަޖެހި ހައްލުކުރަންޖެހޭކަން މެމްބަރު ފާހަގަކުރެއްވިއެވެ.

“މާފުށީގައި އިތުރަށް ވިޔަފާރި ފުޅާކުރުމަށްވެސް ވަރަށް މުހިއްމު ޚިދުމަތެއްމިއީ ވީހާވެސް އަވަހަކަށް ރަނގަޅު ފެންވަރުގެ ނަރުދަމާއެއް ޤާއިމުވުމަކީ.” ރިޟާ ވިދާޅުވިއެވެ.

މާފުށީ ހިއްކި ސަރަޙައްދުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، 128 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް، 18 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫޢުގެ ދަށުން 1500 ޓަނުގެ ފެން އުފެއްދޭވަރުގެ 2 އާރްއޯ ޕްލާންޓް ބަހައްޓާ، 3500 ޓަނުގެ ފެން ރައްކާކުރެވޭވަރުގެ 2 ޓޭންކް ބަހައްޓާ ފެން ގުޅައިދިނުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.

މާފުށީގައި އޮތް ނަރުދަމާ އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 57 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫޢުގެ ތެރެއިން ނަރުދަމާ ޕަމްޕިންގ ސްޓޭޝަން ބެހެއްޓުމާއި ނަރުދަމާ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މާފުށީގައި 25 ހެކްޓަރުގެ ސަރަޙައްދެއް ހިއްކާފައިވަނީ 2021 ވަނަ އަހަރުގައެވެ. އެސަރަޙައްދުން ގޯތި ލިބުނު ފަރާތްތަކަށް ބިން ދޫކޮށްފައިވާއިރު އަލަށް ހިއްކި ސަރަޙައްދުގައި ޔޫޓިލިޓީގެ ޚިދުމަތްތައް ޤާއިމުވެގެންދިޔުމަކީ އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

mwsc

ހުޅުމާލޭގައި ޤާއިމުކުރާ 5000 ޓަނުގެ އައު ފެން ޕްލާންޓް އަންނަ މަހު ޚިދުމަތް ދޭން ފެށޭނެ

މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ: އެމަރޖެންސީގައި ދުވާލަކު ކޮޅަކަށް 2000 ޓަނުގެ ފެން

Matheen Mwsc

މާލޭގައި 13،000 ޓަނުގެ 2 ތާނގި ބެހެއްޓުމަށްވަނީ ނިންމާފައި: މަތީން

TTH_advertisement