ބަންގްލަދޭޝްގެ އައު ޕާލަމެންޓަށް މެމްބަރުން އިންތިޚާބު ކުރުމަށް އެގައުމުގެ ރައްޔިތުން މިއަދު ވޯޓުލަމުން އެބަ ގެންދެއެވެ.
މިއީ، ބަންގްލަދޭޝްގެ ޒުވާނުން ނުކުމެ އެގައުމުގައި އޮތް ޝައިޚް ހަސީނާގެ ވެރިކަން 2024 ވަނަ އަހަރު ވައްޓާލި ފަހުން އެގައުމުގައި ބާއްވާ ފުރަތަމަ އިންތިޚާބެވެ.
އިންތިޚާބުގެ ވޯޓުލުން ބަންގްލަދޭޝްގެ ގަޑިން ހެނެދުނު 7:30 ގައި ފެށިފައި ވާއިރު، ވޯޓުލުން ހަވީރު 16:30 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް ޚަބަރު ލިބެއެވެ.
ބައެއް ހިސާބުތަކުގައި ހަމަނުޖެހުމާއި ތަޅާފޮޅުންތައް ހިނގި ނަމަވެސް، ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށްފައި ވުމާއެކު، ވޯޓުގެ ކަންކަން ކުރިއަށްދަނީ ވަރަށް އޮމާންކަމާ އެކުގައި ކަމަށް ވެއެވެ.
ބައެއް މީހުން ބުނަނީ، ބަންގްލަދޭޝްގެ ތާރީޚްގައިވެސް މިހާ އަމާން ކަމާއެކު ވޯޓުލުމުގެ މާހައުލެއް މީގެކުރިން ލިބިފައި ނުވާ ކަމަށެވެ.
އިންތިޚާބުގައި މައިގަނޑު ގޮތެއްގައި ވާދަކުރަނީ ބަންގްލަދޭޝް ނޭޝަނަލް ޕާޓީ – ބީއެންޕީއާއި، ޖަމާއަތޭ އިސްލާމީ އިސްވެ އޮވެ 11 ޕާޓީއެއް ގުޅިގެން އުފައްދާފައިވާ ކޯލިޝަނެވެ. މި ކޯލިޝަންގައި، ބަންގްލަދޭޝްގެ ވެރިކަން ބަދަލުކުރުމުގައި އިސްކޮށް އުޅުނު ޒުވާނުން އުފައްދައިގެން އުޅޭ ނޭޝަނަލް ސިޓިޒަންސް ޕާޓީވެސް ހިމެނެއެވެ.
ހުރިހާ ޕާޓީތަކުން އިންތިޚާބަށް ކެމްޕެއިން ކުރުމުގައި ނަގާފައިވާ މައްސަލަތަކީ ކޮރަޕްޝަނާއި، އިންފްލޭޝަނާއި، ވަޒީފާ ނެތުމުގެ މައްސަލަތަކާއި، އިގްތިސާދީ ތަރައްގީގެ މައްސަލަތަކެވެ.
އަދި މިއިންތިޚާބު ވެގެންދާނީ، ބަންގްލަދޭޝްގެ ވެރިކަން ބަދަލުކުރި ޒުވާނުން ނުވަތަ ޖެން-ޒީއާ ކުރިމަތިލާ ފުރަތަމަ އިންތިހާނުވެސް މެއެވެ.
ވޯޓުލުން ކުރިއަށްދާއިރު، އޮންލައިން ޕްލެޓްފޯމްތަކުގައި އިންތިޚާބާ ގުޅޭގޮތުން ދޮގު ޚަބަރު ފަތުރަމުން ގެންދާތީ އެކަމުގެ އަޑު ވަރަށް ގަދަވެފައި ވެއެވެ. އިންތިޚާބާ ގުޅޭގޮތުން ދޮގު މައުލޫމާތާއި ޚަބަރު ފެތުރުމުގައި ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ އަވާމީ ލީޣާ ގުޅުން އޮތްކަން ހާމަވެފައިވާ ކަމަށް ބަންގްލަދޭޝްގެ މީޑިއާއިން ރިޕޯޓް ކުރެއެވެ. ބަންގްލަދޭޝް ސަރުކާރުން ވަނީ އަވާމީ ލީގު ޕާޓީ މަނާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު