ބާރަ މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް، ކަނޑައަޅާފައިވާ ބަލި މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހަޅާފައިވާ ބިލަށް ކަމާބެހޭ އިދާރާތަކުގެ ލަފާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.
ޕެންޝަން ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި އެ ބިލަކީ، ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހެޅުއްވި ބިލެކެވެ.
މަޖިލިސް ޗުއްޓީގައި އޮއްވައި މިދިޔަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހު ދައުރުން ބޭރުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައިގެން ހުށަހަޅައި ހަމަ އެދުވަހު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިއެވެ.
އެ ބިލާ ބެހޭގޮތުން ކޮމިޓީން މިއަދު ބޭއްވި ޖަލްސާގައި، ޕެންޝަން އޮފީހާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ނޭޝަނަލް ޕޭ ކޮމިޝަންގެ ލަފާ ހޯދުމަށް ޓަކައި އެ ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރަން ހުށަހެޅުއްވީ، ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފެވެ.
ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ހުސައިން އެވެ.
މިހުށަހެޅުން ކޮމިޓީން ފާސްކުރިއެވެ.
މި ބިލުގައިވާގޮތުން ރިޓަޔާމެންޓް ޕެންޝަން އެކައުންޓްގައި ހުންނަ ފައިސާ ނެގޭނީ 65 އަހަރުވުމުން ކަމަށްވިޔަސް، ޓާމިނަލް އިލްނަސްގެ ހާލަތުގައި ތިބޭ މީހުންނަށް އެ އުމުރު ހަމަނުވިޔަސް ފައިސާ ނެގިދާނެ އެެވެ.
“ޓާމިނަލް އިލްނަސްގެ ހާލަތު” ކަމަށް ބިލުގައި ބުނެފައި ވަނީ 12 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާޒިރު ކަމެއް ކަމަށް، އެފަދަ ބައްޔަކާބެހޭ ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވާ ސިއްހީ ހާލަތްތަކަށް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ހައްޖުވުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވް ކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރެވިދާނެ ކަމަށް ކަނޑައެޅުމަށް ވަނީ ހިމަނައިފައެވެ.
ހައްޖަށް ދިއުމަށްޓަކައި ހައްޖު ކޯޕަރޭޝަނަށް ދައްކަންޖެހޭ އަގުގެ 20 އިންސައްތަ ދައްކައިފިނަމަ، ބާކީ 80 އިންސައްތަ ފައިސާ، ޕެންޝަން އެކައުންޓުން ދެއްކޭ ގޮތް ހެދުމަށްވެސް ވަނީ ހުށަހަޅައިފައެވެ.
ރިޓަޔާމަންޓް ސޭވިން އެކައުންޓްގައި ހުރި ފައިސާގެ ތެރެއިން އެ ފަރާތުން ކަނޑައަޅާ އަދަދެއްގެ ފައިސާ ނުވަތަ އެ އެކައުންޓްގައި ހުރި ފައިސާ އެކުގައި ދޫކުރެވިދާނެ ކަަމަށް ބިލުގައި ވަނީ ބުނެފައެވެ.
އެ މާއްދާގައި “ޓާމިނަލް އިލްނަސްގެ ހާލަތް” ކަމަށް ބުނަނީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައި ވިޔަސް، އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތެވެ. އެ ބިލްގައިވާ ގޮތުން އެފަދަ ހާލަތެއްގައިވާ މީހަކު ޕެންޝަން ސޭވިންގްސް އެކައުންޓްގައިވާ ފައިސާ ނަގަން އެދޭ ނަމަ އެމީހަކު ކަނޑައަޅާ އަދަދެއްގެ ނުވަތަ އެ އެކައުންޓްގައި ހުންނަ ހުރިހާ ފައިސާއެއް އެއްފަހަރާ ވެސް ނެގިދާނެ އެވެ.އެ ގާނޫނަށް އިތުރު ގިނަ ބަދަލުތަކެއް ގެންނަން ވެސް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި، ޕެންޝަން ފަންޑުގެ ފައިސާ ގެދޮރު ގަތުމުގެ އިތުރުން ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރަން ޑައުންޕޭމަންޓް ދައްކަން ކޮލެޓްރަލައިޒް ކުރެވޭ ގޮތަށް ބަދަލުކުރުން ހިމެނެ އެވެ. ޕެންޝަން ގާނޫނުގެ މިހާރު އޮތްގޮތުން ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ކޮލެޓްރަލައިޒް ކުރެވެނީ އިމާރާތްކޮށް ނިންމައި އަދި އާއްމުކޮށް ހުޅުވާލައިގެން ވިއްކާ ފްލެޓްތައް ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށެވެ.
ކިޔުންތެރިންގެ ހިޔާލު