މިދިޔަ އަހަރު އިސްލާމީ ދާއިރާއިން 90 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދިޔަކަމަށާއި، ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 8 މިސްކިތް ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އިސްލާމްދީނުގައި އެންމެ މަތިވެރި ބިނާތަކަކީ މާތްﷲގެ ގެކޮޅު ކަމަށްވާ މިސްކިތްތައްކަން ފާހަގަކުރައްވާ، އިސްލާމީ ޙަޟާރަތުގެ އެންމެ ޒީނަތްތެރި މަލަކީ މިސްކިތްކަމަށާއި އެކަން، ސައްތައިންސައްތަ އިސްލާމީ ޤައުމެއް ކަމަށްވާ، ރާއްޖެއިން ވަރަށް ފުރިހަމައަށް ފެންނަންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ގުރުއާން މަރުކަޒު އަދި 6 ވަޤްފް ބިނާއާއި އެކު މުޅި ޖުމުލަ 90 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ތެރެއިން ހއ. ދިއްދޫ އިސްލާމިކް ސެންޓަރާއި، 10 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމާ ހުޅުވި ކަމަށާއި ކުރިއަށް އޮތް ރަމަޟާން މަހު އިތުރު 8 މިސްކިތް ހުޅުވައި، މިހާރު ބޭނުންކުރަމުންދާ މިސްކިތްތައް މަރާމާތުކުރުމަށްވެސް ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި މިސްކިތްތައް މަރާމާތުކުރުމަށް މިދިޔަ އަހަރު 19 މިލިއަނަށްވެރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި މިއަހަރު އެކަމަށް 15 މިލިއަން ރުފިޔާ ހަމަޖައްސަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކީރިތި ގުރުއާން ހިތުދަސްކުރާ ޙާފިޒުންނަށް ދޭންޖެހޭ ގަދަރާއި ޢިއްޒަތް ދޭންޖެހޭކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ޙާފިޒުންނަށް ދެމުން އަންނަ އެލަވަންސް، 2000 ރުފިޔާއިން 4000 ރުފިޔާ އަށް މިދިޔަ އަހަރު އިތުރުކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ. މިދިޔަ އަހަރު 30 ހާފިޒުން ދަސްވެރިނިވެފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ޙާފިޒުން ދަސްވެނިވި އަހަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކީރިތި ގުރުއާނަށް ލޯބިޖެއްސުމާއި ހާފިޒުން އުފެއްދުމުގެ މަސައްކަތް ފުޅާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒެއް 2028 ވަނަ އަހަރުގެ ނިޔަލަށް ހުޅުވުމުގެ މަސައްކަތް މިދިޔަ އަހަރު ފެށިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގުރުއާނާބެހޭ އެކި ކަންކަމަށް ހަރަދުކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ ގޮތުން މާލޭގައި ޤުރުއާނަށް ހާއްސަ ވަގުފު އިމާރާތެއް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް ރާވާ ހިންގުމުގެ ހުރިހާ ހަރަދެއް ސަރުކާރުގެ ބަޖެޓުން ބަލަހައްޓާ، ވަނަތައް ހޯދާފަރާތްތަކަށް ދޭ އިނާމު ދެގުނަ ކުރުމާއި، މުޅި މުބާރާތުން އެއްވަނަ ހޯދާ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމެއްގެ ގޮތުން ބޭނުން ދާއިރާއަކުން، ބޭނުން ގައުމަކުން ޕީ.އެޗް.ޑީ. އާއި ހަމައަށް ކިޔެވުމުގެ ސްކޮލަރޝިޕެއް ފުރަތަމަފަހަރަށް ދޭން ފަށާފައިވާކަންވެސް އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
ދިވެހިންނަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މީގެކުރިން އުފުލަންޖެހުނު އެތައް ވޭނާއި ތަކުލީފަށް ލުއިތަކެއް ހޯދައިދިން، މައްކާ ރޫޓް އިނީޝިއޭޓިވް ގެ ދާއިމީ މެމްބަރުކަން ރާއްޖެއަށް މިދިޔަ އަހަރު ލިބި، ދިވެހިންނަށް މިހާތަނަށް ރާއްޖޭގެ ތާރީހުގައި ލިބިފައިނުވާ ލުއިފަސޭހަތަކެއް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހައްޖުވެރިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ހިލޭ ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައި ސައުދީއަރަބިޔާގެ ހޮސްޕިޓަލަކާއި އެކު އެއްބަސްވުމެއް ގާއިމްކުރެވި ހައްޖުވެރިން ތިބޭ ހޮޓަލުގައި ފެންވަރު ރަނގަޅު މެޑިކަލް ކްލިނިކެއްގެ މަސައްކަތް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ޤާނޫނެއް ވުޖޫދުވެފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގައި ދީނީކަންކަން ހަރުދަނާކޮށް ކުރިއެރުވުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ސަރުކާރުން ޒަކާތުގެ ކަންކަން ހަރުދާކުރުމަށް ކުރަމުންއަންނަ މަސައްކަތުގެ ސަބަބުން ޒަކާތުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެ، ޒަކާތުގެ ގޮތުގައި ލިބެމުންދާ ފައިސާ އިތުރުވަމުން އަންނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު، ފުރަތަމަ ފަހަރަށް ރާއްޖޭގައި ޒަކާތުގެ ގޮތުގައި ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ
ކިޔުންތެރިންގެ ހިޔާލު