ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭޝިއަން ޝޫޓިން ޗެމްޕިއަންޝިޕް: ރާއްޖޭގެ ޖޫނިއާ ޓީމަށް ތާރީޚީ ލޯ މެޑަލެއް

އިންޑިއާގައި މިއަދު ފެށި އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކޮށް، ރާއްޖޭގެ ޖޫނިއާ ޓީމުން ތާރީޚީ ކާމިޔާބީއަކާއެކު ލޯ މެޑަލް ހޯދައިފިއެވެ.

ރާއްޖޭގެ ޖޫނިއާ ފިރިހެން ޓީމުން މި މެޑަލް ހާސިލުކުރީ މުބާރާތުގެ އެއާ ޕިސްޓަލް މެންސް ޔޫތު ޓީމު އިވެންޓުންނެވެ. މި އިވެންޓުގެ އެއްވަނަ މުބާރާތް ބާއްވާ އިންޑިއާއިން ހޯދިއިރު، ރިހި މެޑަލް ލިބުނީ ކަޒަކިސްތާނަށެވެ. ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޝޫޓިން ރޭންޖެއް ނެތި ދިވެހި އެތުލީޓުން ހޯދި މި ކާމިޔާބީއަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.

އިންޑިއާގެ ނިއުދިއްލީގައި މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރި ދިވެހި ޓީމުގައި ހިމެނެނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އަލީ ޒަކްނޫން އަޙްމަދާއި، ރެހެންދި ސްކޫލުގެ މުޙައްމަދު އަޝްހަމް ބިން ޝާހިދުގެ އިތުރުން ސީއެޗްއެސްސީގެ ހާދު އަލީ ނަސީފްއެވެ. މީގެ ތެރެއިން ޒަކްނޫނާއި އަޝްހަމް ވަނީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުން ރަން މެޑަލް އަދި ހާދު ވަނީ ރިހި މެޑަލް ހޯދާފައެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ މަރްޔަމް އީޝަލް ވަނީ އިންޑިވިޖުއަލް އަންހެން ޖޫނިއާ އިވެންޓުން ރިހި މެޑަލް ހޯދާފައެވެ. މުބާރާތުގެ ފުރަތަމަ ދުވަހު ދިވެހި ޓީމުން މި ހޯދި ކާމިޔާބީއާއެކު، ކުރިއަށް ހުރި އިވެންޓްތަކުން ވެސް ރާއްޖެއަށް އިތުރު ކާމިޔާބީތައް ލިބޭނެކަމުގެ އުންމީދު ވަނީ ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު