ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިޔަން ރުފިޔާގެ ބޮންޑު އިންވެސްޓްކުރުމަށް ނިންމާފައިވަނީ އެއްވެސް ގެއްލުން ނުވާނެ ގޮތަށްކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.
ޕެންޝަން އޮފީހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިއިންވެސްޓްމަންޓާ ގުޅިގެން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓަމަންޓްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ޕެންޝަން އޮފީހަށް ހުށަހަޅާފައިވާ 2.4 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބޮންޑް އިންވެސްޓްމަންޓާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ޕެންޝަން އޮފީހުން ބުނީ، ދިވެހި ރުފިޔާއިން އަދި ބޭރު ފައިސާއިން ބޮންޑުގެ ރިޓާން ލިބޭގޮތަށް އިންވެސްޓުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ޕެންޝަން ފަންޑުގެ ލިކުއިޑިޓީއަށް ރިޢާޔަތްކޮށް މި އިންވެސްޓްމަންޓްގެ ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓްކޮށްފައިވާ ޓްރެޜަރީ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިޔަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލުމަށްފަހު ލިބޭ ފައިސާއިންކަމަށް އެއޮފީހުން ބުންޏެވެ.
މިގޮތަށް އިންވެސްޓްކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން ނިންމާވައިވަނީ ސެކަންޑަރީ މާކެޓުގައި ވިއްކާލަންޖެހޭ ބޮންޑުތައް ވިއްކުމުގައި ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ފަދަ ގޮތަކަށް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުގެ ދުރު ރާސްތާގެ އިންވެސްޓްމަންޓް ސްޓްރެޓެޖީ ހެދުމުގައި ލިބިފައިވާ ކޮންސަލްޓަންޓުންގެ ލަފައާއި އެއްގޮތަށް އިންވެސްޓަމަންޓުތައް ސިންދަފާތުކޮށް ފަންޑުގެ ވިލުންތެރިކަން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް އެބަޔާނުގައިވެއެވެ. އަދި އިންވެސްޓްމަންޓުތަކުގެ ފައިދާ ޑޮލަރުން ލިބޭ ބޮންޑެއްގައި އިންވެސްޓު ކުރުމާއި، އިންވެސްޓްކޮށްފައިވާ އެސެޓުތަކުގެ އެވްރެޖް ޑިއުރޭޝަން ދިގު ކުރުމާއި، ޕޯޓްފޯލިއޯ ރިޓަރން އިތުރު ކުރުމަށް ކަމަށް ޕެންޝަން އޮފީހުގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.
މިއާއެކު ބާޒާރުގައި ބޭރު ފައިސާ ގަންނަން ނުޖެހި އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
މީގެއިތުރުން ޕެންޝަން ފަންޑުން މިހާތަނަށް އިންވެސްޓްކޮށްފައިވާ ޓްރެޜަރީ ބިލްތަކުގެ ތެރެއިން ބައެއް ދިގުމުއްދަތުގެ ޓްރެޜަރީ ބޮންޑަށް ބަދަލު ކުރުމުގެ ފުރުސަތުވެސް މިމުޢާމަލާތުން ލިބިގެން ދިޔުމާއެކު ޕޯޓްފޯލިއޯ ރިޓަރން އިތުރު ކުރެވޭނެ ކަމަށް އެއޮފީހުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު