ކުއްލި ޚަބަރު

އެމްޕީއެލްގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފަށައިފި

މާލޭގެ ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

މޯލްޑިވްސް އޯޓިޒަމް ސަޕޯޓް އެންޑް ނިއުރޯ-އިންކްލޫޝަން ޔުނިޓީގެ ބެލެނިވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

އެމެރިކާގެ ބިޔަ ލަޝްކަރު އީރާނާ ދުރަށް ގެންދިޔައީ ބިރުންތަ؟ ވާހަކަތަކަށް މަގުފަހި ކުރަންތަ؟

އެމެރިކާއިން އީރާނާ ގާތަށް ޕާޝިއަން ގަލްފަށް ޖަމާކުރި ހަނގުރާމައިގެ ބިޔަ ލަޝްކަރު މިހާރު ވަނީ އީރާނާ ދުރަށް ގެންގޮސްފައެވެ. އެމެރިކާގެ ލަޝްކަރުގައި ހިމެނޭ ހަނގުރާމައިގެ އެންމެ މުހިންމު އުޅަނދުތައް އީރާނަށް ދުރަށް ގެންގޮސްފައިވާކަން މީޑިއާ ވަސީލަތްތަކުން ރިޕޯޓް ކުރަމުން އެބަ ގެންދެއެވެ.

އީރާނާ ދުރަށް ގެންދިޔައީ، އެމެރިކާގެ ލަޝްކަރުގައި ހިމެނޭ އެންމެ މުހިންމު މަނަވަރު ކަމަށްވާ އަބްރަހަމް ލިންކަންގެ އިތުރުން، އެ މަނަވަރާއެކު އީރާނުގެ ކައިރިއަށް ފޮނުވި ހަނގުރާމައިގެ އެހެން މަނަވަރުތަކާއި، ސަބްމެރިންތަކެވެ.

އަބްރަހަމް ލިންކަންއަކީ، ހަނގުރާމައިގައި ބޮންއަޅަން ބޭނުންކުރާ އެންމެ މަތިންދާ ބޯޓުތައް އުފުލާ މަނަވަރެވެ. އެ މަނަވަރު ހިމެނޭ ސްޓްރައިކް ގްރޫޕް މިހާރުވަނީ ޕާޝިއަން ގަލްފުން، ގަލްފް އޮފް އަދަންއަށްއަށް ހިޖުރަކޮށްފައެވެ. މާނައަކީ، އީރާނާ ގާތްގަނޑަކަށް 700 ކިލޯމީޓަރު ގާތަށް ގެންދިޔަ މަނަވަރުތައް މިހާރު ގެންގޮސްފައިވަނީ އީރާނާ 1400 ކިލޯމީޓަރު ދުރަށް ކަމެވެ.

އެމެރިކާއިން ޖަމާކުރި ބިޔަ ލަޝްކަރު އީރާނު ކައިރިން ދުރަށް ގެންދިޔަ ސަބަބުތަކާ ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ފެތުރެމުން އެބަ ދެއެވެ.

އެއް ވާހަކައެއްގެ ގޮތުގައި ދެކެވެމުންދަނީ، އެމެރިކާގެ ލަޝްކަރު އީރާނާ ދުރަށް މިގެންދިޔައީ، އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާކުރަން ފުރުސަތު ފަހިކުރުމުގެގޮތުން ކަމަށް ވެދާނޭ ކަމަށެވެ. ނުވަތަ އެފަދަ މާހައުލެއް އުފެއްދުމަށް ކަމަށް ވެދާނޭ ކަމަށެވެ.

ދެވަނަ ކަމަކީ، އީރާނުން ޕާޝިއަން ގަލްފާއި އަރަބި ކަނޑު ހިމެނޭގޮތަށް ފެށި ވަރުގަދަ އަސްކަރީ ތަމްރީނުތަކުގެ ނުރައްކާ ކުރިމަތިވުމެވެ.

އީރާނުން އަސްކަރީ ތަމްރީނުތައް ފެށީ، އެކަން ނުކުރާން އެމެރިކާއިން އެތައް އިންޒާރުތަކެއް ދީފައި ވަނިކޮށެވެ. މި ތަމްރީނުތަކުގައި އީރާނުން ގެންދަނީ މިސައިލާއި، ޑްރޯންވެސް ބޭނުންކުރަމުންނެވެ. އަދި އަސްކަރީ ޖާސޫސީ މަތިންދާ ބޯޓުތައްވެސް ގެންދަނީ އުދުއްސަމުންނެވެ.

އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމާ ދެކޮޅަށް އެމެރިކާއިން ކުރި އިންރުތަކަށް އީރާނު ކަނޑުގެ ސިފައިންގެ ކޮމާންޑަރު ދެއްވި ޖަވާބަކީ، ޕާޝިއަން ގަލްފަކީ އީރާނުގެ ސަރަހައްދު ކަމަށާއި، އެ ސަރަހައްދުގެ ވަޔާއި އަދި ކަނޑުގެ ފުނަށް ދާންދެން ކޮންޓްރޯލް ކުރަނީ އީރާނުން ކަމަށެވެ.

އެހެން ކަމުން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ތަމްރީނު ކުރިއަށްދާނޭ ކަންވެސް، އީރާނު ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވިދާޅުވިއެވެ.

އެހެންކަމުން، އެމެރިކާއިން އެމީހުންގެ ހަނގުރާމައިގެ އެންމެ މުހިންމު މަނަވަރު ކަމަށްވާ އަބްރަހަމް ލިންކަން އީރާނާ ދުރަށް މިގެންދިޔައީ ހިނގާފާނެ “އެކްސިޑެންޓަކުން” ރައްކާތެރި ވުމަށް ކަމަށް ބުނެވެއެވެ.

އީރާނުގެ ކަނޑުގެ ސިފައިން ބުނަމުން ގެންދިޔައީ، އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ އެންމެ ފުރަތަމަވެސް އަބްހަރަމް ލިންކަން ފައްތާލާނޭ ކަމަށެވެ. އެވަރުގެ ގާބިލްކަން ހުރި މިސައިލް އީރާނުގައި އެބަހުއްޓެވެ. ކަނޑުއަޑީގެ ސަބްމެރިންއަކުން ދޫކޮށްލާ މިސައިލަކުންވެސް އީރާނަށް އެކަން ކޮށްލެވޭނެކަން އެމެރިކާއަށް އެނގެއެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން އެތައް އިންޒާރުތަކެއް ދެމުން ގެންދިޔައިރުވެސް، އީރާނުގެ ޖާސޫސީ މަތިންދާ ބޯޓުތަކުން ގެންދިޔައީ، އަބްހަރަމް ލިންކަން ހިމެނޭ މަނަވަރު ގްރޫޕަށް ފާރަލަމުންނެވެ. އަދި އޭގެ ފުޓޭޖުތައްވެސް ހާމަކުރަމުންނެވެ.

އެމެރިކާއިން ހަމަލާ ދީފިނަމަ ގައުމުގެ މިނިވަންކަމާއި، އިސްތިގްލާލުގެ ހިމާޔަތުގައި ފަހުވަގުތާ ޖެހެންދެންވެސް ހަނގުރާމަކުރަން ތައްޔާރަށް ތިބި ކަމަށް އީރާނުގެ އެއްގަމާއި، ވަޔާއި އަދި ކަނޑުގެ ސިފައިންވެސް ހާމަކޮށްފައި ވެއެވެ.

އެމެރިކާއިން ދެކޭގޮތުގައި، އެމެރިކާ ސިފައިން ދުނިޔޭގެ ކޮންމެ ގައުމަކާ ދެކޮޅަށްވެސް ބޭނުންކަމެއް، ބޭނުން އިރަކު ކޮށްލެވޭނެއެވެ. އެމީހުންނާ ކުރިމަތިލުމުގެ ބާރެއް އެހެން ގައުމަކު ނުވެއެވެ.

ވެނެޒުއެލާއިން އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ބުނެ އެންމެ ފުރަތަމަ ލަޝްކަރު ޖަމާކުރީ ވެނެޒުއެލާ ކައިރިން ކެރީބިއަން ކަނޑަށެވެ. އޭގެފަހުން ވެނެޒުއެލާގެ ބޯޓުތަކަށް ހަމަލާދީ ފައްތަން ފެށިއެވެ. އޭގެފަހުން ވެނެޒުއެލާ ކަނޑުމަގާއި ވައިގެމަގުން ބަންދުކުރިއެވެ.

ދެން ފެނިގެންދިޔައީ، ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމަށްފަހު އެއްގަމުމަގުން އެގައުމަށް އަރައި ރައީސްކަމުގައި ހުންނެވި ނިކޮލަސް މަދޫރޯ ރަހީނުކޮށްގެން ގެންދިޔަ މަންޒަރެވެ. ރައީސް ހައްޔަރުކޮށްގެން ގެންދިއުމަށްފަހު މަސްތުވާތަކެތީގެ ވާހަކައެއް އަޑެއް ނީވެއެވެ. އެމެރިކާއިން ވެރިކޮށްލީ ވެނެޒުއެލާގެ ތެލެވެ.

ބުނެވޭގޮތުގައި، އެމެރިކާއިން އީރާނުގައިވެސް ހިންގާން އުޅުނީ ވެނެޒުއެލާގައި ކަންތައް ކުރި ގޮތެވެ. ކަނޑުގެ ލަޝްކަރު ޖަމާކުރުމަށްފަހު އީރާނުގެ ތެޔޮ ކަނޑުމަގުން ބޭރުކުރިޔަ ނުދޭން ރޭވި ކަމަށް ވެއެވެ. ނަމަވެސް، ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރާނޭ ކަމުގެ އިންޒާރު އީރާނުން ދިނުމާއެކު އެމެރިކާއަކަށް ދެން ހެދޭނެ ގޮތެއް ނެތެވެ.

ހޮރްމޫޒު ކަނޑުއޮޅިއަކީ ދުނިޔޭގައި ތެލުގެ ވިޔަފާރީގެ ތެރެއިން އެތައް އިންސައްތައެއްގެ ތެޔޮ ދަތުރުކުރާ އެންމެ މުހިންމު މަގެވެ. އެ މަގު ބަންދުކޮށްފިނަމަ ދުނިޔޭގައި އިގްތިސާދީ ހަނގުރާމައެއް ފެށިގެން ހިނގައިދާނެކަން އެންމެނަށްވެސް އެނގެއެވެ. މިސާލަކަށް އެ ކަނޑުއޮޅި ބަންދުކޮށްފިނަމަ ދުނިޔޭގައި މިހާރު 70 އެމެރިކާ ޑޮލަރަށް ވިއްކާ ތެޔޮ ފީފާއެއްގެ އަގު 200 އެމެރިކާ ޑޮލަރަށް އަރައިގެން ދާނެއެވެ.

ވެނެޒުއެލާއާއި އީރާނާ ހާސްބައި ތަފާތުކަން އެންމެނަށްވެސް އެނގެއެވެ. އެހެންކަމުން، އީރާނަށް ހަމަލާދީ ނުވަތަ އީރާނަށް ގޮތެއް ހެދުމުގެކުރިން އެމެރިކާއިންވެސް ހާސްފަހަރު ވިސްނަންޖެހޭނޭކަން މިހާރު ފެންނަމުންދާ މަންޒަރުތަކުން އެނގި ހާމަވެއެވެ.

އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅުނީ އީރާނު ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ މީހުންގެ ގަޔަށް ބަޑިޖަހައި މަރަންފެށުމުން އެކަން ހުއްޓުވަން ކަމަށް ބުނެއެވެ. އެކަމަކު، ލަޝްކަރު ޖަމާކުރުމަށްފަހު މަޝްވަރާގެ މޭޒުދޮށަށް އަންނަން އީރާނަށް 3 ޝަރުތެއް ހުށަހެޅިއިރު މުޒާހަރާގެ ބައިވެރިންގެ އެއްވެސް ވާހަކައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

24 ގަޑިއިރުގެ ތެރޭގައި އީރާނަށް ހަމަލާދޭން ފަށާނެ؟ ސަރަހައްދު “ބޮމެއްފަދައިން” ގޮވަން ތައްޔާރުވެފައި

އަސްކަރީ ބަޣާވާތެއްކޮށް ރައީސް ޝީ ޖިންޕިންގ މަގާމުން ދުރުކުރަން އުޅުނުކަމަށް ފެތުރެމުންދާ ވާހަކަތައް

އީރާނުގެ ވެރިކަން ބަދަލުކޮށްލަން ދިގުލައިގެންދާ ހަމަލާތަކެއްދޭން އެމެރިކާ، އިސްރާއީލު ތައްޔާރުވަނީ

އީރާނު މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދާ ގުޅޭގޮތުން އެތައް ވާހަކަތަކެއް، އީރާނުން އެއްޗެއް ނުބުނޭ

TTH_advertisement