މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ވިޔަފާރި ބަނދަރުގައި އޯޕަން ސްޓޯރޭޖުގައި މުދާ ބަހައްޓައިގެން ޑެމަރޭޖް ނާރާ މުއްދަތު އިތުރު ކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑު، އެމް.ޕީ.އެލްއިން ވަނީ، މާލޭ ވިޔަފާރި ބަނދަރަށް ކޮންޓޭނަރަށް ނުލައި ގެންނަ މުދަލުގެ ތެރެއިން، މާލޭ ވިޔަފާރި ބަނދަރުގެ “އޯޕަން ސްޓޯރޭޖް އޭރިޔާ”ގައި ސްޓޯރ ކުރާ މުދަލަށް ދޭ “ފްރީ ސްޓޯރޭޖް” މުއްދަތަށް ބަދަލު ގެނެސްފައެވެ.
އެމްޕީއެލުން މީގެކުރިން ބަނދަރުގެ “އޯޕަން ސްޓޯރޭޖް އޭރިޔާ” ގައި ބަހައްޓާ ކޮންވެންޝަނަލް ކާގޯއަށް ޑެމަރޭޖު ނާރާ ގޮތަށް ނުވަތަ އަގަކާއި ނުލާ މުދާ ބަހައްޓައިދެނީ 5 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެމްޕީއެލުން ގެނައި ބަދަލާއެކު މިހާރުވަނީ މި މުއްދަތު 10 ދުވަހުގެ މުއްދަތަށް އިތުރުކޮށްދީފައެވެ.
މި ބަދަލަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް، ޚާއްޞަކޮށް މުދާ އެތެރެކުރާ ކުދި ވިޔަފާރިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ.
އެމްޕީއެލުން މިގޮތަށް ނިންމާވާފައިމިވަނީ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި، ވިޔަފާރިތަކުން ހުށަހެޅި ބައެއް ކަންބޮޑުވުންތަކާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު