ގެއްލިގެން ހޯދަމުން ދިޔަތާ ދެ ދުވަސް ފަހުން 24 އަހަރުގެ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ ބިދޭސީ މީހާ ގެއްލިގެން ހޯދަން ފެށީ މި މަހުގެ 26ވަނަ ދުވަހުއެވެ. އަދި ޖެނުއަރީ 28 ވަނަ ދުވަހު ވަނީ އެ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިފައެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ, އުމުރުން 24 އަހަރުގެ އަމީން މިއާއެވެ.
ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ މަރުވުމަށް މެދުވެރިވެފައިވަނީ ޖެނުއަރީ 26ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ކަމަށެވެ.
އަދި އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު