ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، ހިލޭ ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 6,000 އަށްވުރެ ގިނަ ދަރިވަރުން ދަސްވެެނިވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ތައުލީމީ ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުންގެ ލޯނުގެ ގޮތުގައި 1 ބިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަ ފައިސާ ދޫކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީ އާއި ދުނިޔޭގެ ކުރިއެރުމުގެ ބިންގާކަން ހަނދާންކުރަންޖެހޭ ކަމަށެވެ. މިއަދު މި އާކުރަނީ، ތައުލީމީ ނިޒާމު ބައްޓަންކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އެންމެން ޝާމިލުވާ، މުނާސަބު އަދި ބަދަލުތަކެއް ގެނުވައިދޭ އުނގަންނައިދިނުމެއް ކަށަވަރުކޮށްދިނުމަށް ކުރާ އިހުލާސްތެރި މަސައްކަތެއް ކަމަށެވެ.
ދަރިވަރުންނަށް އިންވެސްޓްކޮށް ތައުލީމީ ފުރުސަތުތައް ފުޅާކުރުމުން، ތަނަވަސްވެގެންދަނީ ގައުމުގެ ވަކިވަކި ފަރުދުންގެ މުސްތަގުބަލު އެކަނި ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބިނާކުރަމުން މިދަނީ މުއްސަނދި، ހަމަހަމަ އަދި ސާބިތުކަމާއެކު ދެމިއޮންނާނެ ގައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެންމެން ގުޅިގެން މަސައްކަތްކޮށް، ކޮންމެ ދަރިވަރަކަށްވެސް ކުރިއަރައި ދިއުމުގެ ފުރުސަތު ހޯދައިދީ، ގައުމީ ތަރައްގީގައި އެކުދިންގެ ބައިވެރިވުން ކަށަވަރުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު