ޕާކިސްތާނުގެ ކަރާޗީގެ ގުލް ޕްލާޒާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝާހްބާޒް ޝަރީފަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ތަޢުޒިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފައެވެ.
އަދި ހިތާމައިގެ މި ދަނޑިވަޅުގައި، ހާދިސާގައި ޒަޚަމްވެފައިވާ މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ހާދިސާއިން ލިބުނު ގެއްލުމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޕާކިސްތާނުގެ ވިޔަފާރީގެ ވެރިރަށް ކަރާޗީގެ ބޮޑު ޝޮޕިން މޯލެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއްގައި މަރުވި މީހުންގެ އަދަދު 30 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ރެސްކިއު ޓީމުތަކުން ޝިކާރައަކަށް ވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އޮފިޝަލުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު