އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން ބުނީ ކޯޓަށް އެ މައްސަލަ ހުށަހެޅީ “ސްކޫޕް” ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައެޅުމަސް ފުލުހުން އެދުމުން، އެ އޮފީހުން ބެލި ބެލުމުން އެ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާތީ ކަމަށެވެ.
ގޭންގެއް ކަމަށް ކަނޑައެޅި “ސްކޫޕް” ގްރޫޕަށް ނިސްބަތްވާ ނުވަ މީހަކު ފާހަގަވެފައިވާތީ، އެ މީހުންނަކީ އެ ގްރޫޕްގެ މެންބަރުންކަމަށް ކަނޑައެޅުމަށް އެދި ވެސް ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.
މީގެއިތުރުން އެ ގޭންގަށް ނިސްބަތްވާ ކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ “އެސް ކޭ ޕީ ސްޕޯޓްސް ކްލަބް” އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދިނުމަށާއި “ސްކޫޕު”، “ސްކޫޕު ކަންމަތި” އަދި “SKP” ލިޔެފައިވާ ފާރުތަކާއި، އެންމެހައި ތަންތަނުން އެނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ކޯޓުގައި ވަނީ އެދިފައެވެ.
ޕީޖީ އޮފީހުން ބުނީ މިކަމާ ގުޅިގެން ކޯޓުން ގޮތެއް ކަނޑައެޅުމުން ގާނޫނުގެ ދަށުން އެ ގްރޫޕާއި، ގްރޫޕްގެ މެންބަރުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން ގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު