އީރާނުގެ އެތައްމިލިއަން ރައްޔިތުން އެއްވާނަކަށް ވެރިރަށް ތެހެރާނާއި، އެހެން ސިޓީތަކުގެ މަގުތަކަށް ނުކުމެ އީރާނު ސަރުކާރަށާއި، އީރާނުގެ ރޫހީ ލީޑަރަށް ތާއީދު އޮތްކަން ދުނިޔެއަށް ހާމަކުރަން ފެށުމުން ހުޅަނގުގެ މީޑިއާ ހަމަހިމޭން ވެއްޖެއެވެ.
އީރާނުގެ ތެރޭގައި ހަމަނުޖެހުން އުފައްދަން ގޮވައި ހިތްވަރު ދެމުންގެންދާ ޒަޔަނިސްޓު އިސްރާއީލުގެ މީޑިއާވެސް ޗުއްޕުވެސް ނުބުނެއެވެ. އީރާނު މުޒާހަރާގެ މަންޒަރެއް ފޮޓޯއެއްހާ މިންވަރުވެސް ނުދައްކައެވެ.
އެމެރިކާއާއި ހުޅަނގުގެ ދެފުށްކެހެރި މީޑިއާ ވަސީލަތްތަކުން އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ. އެއްވުންތަކުގެ ފޮޓޯއެއްހާ މިންވަރުވެސް ހާމަނުކޮށް ކެމެރާތައް އޮފް ކޮށްލައިފިއެވެ.
އީރާނުގެ ތެރޭގައި ހަމަނުޖެހުން އުފައްދާ މީހުންގެ ހުރިހާ މަންޒަރުތަކެއް ގެނެސްދެމުންދިޔަ ހުޅަނގުގެ ބޮޑެތި މީޑިއާތަކަށް، އީރާނު ރައްޔިތުން ސަރުކާރަށް ތާއީދުކޮށް އަޑުއުފުލަން މަގުތަކަށް ނުކުތް މަންޒަރު ފެންނަ ކަމަކަށް ނުވިއެވެ.
ތެހެރާނުގެ އިތުރުން، އީރާނުގެ އެތައް ސިޓީއެއްގެ މަގުތަކަށް އެތައްމިލިއަން އާންމުން ނުކުމެ ސަރުކާރަށް ތާއީދު އޮތްކަން ދުނިޔެއަށް ހާމަކުރަމުން އެބަ ގެންދެއެވެ.
ތެހެރާނުގައި ބޭއްވި ބިޔަ އެއްވުމާއި ހިނގާލުމުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާއި، އީރާނު ސަރުކާރުގެ އެތައް ވެރީންވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.
މަގުތަކަށް ނުކުތް މީހުން ގެންދަނީ، އެމެރިކާގެ ސީއައިއޭއާއި، އިސްރާއީލުގެ މޮސާޑުން އީރާނުގެ ތެރެއަށް އޭޖެންޓުން ފޮނުވައިގެން ހިންގާ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
އަދި އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގަމުން ގެންދާ އުދުވާނުތަކާ ދެކޮޅަށްވެސް އާންމުން އަޑުއުފުލަމުން އެބަ ގެންދެއެވެ.
މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، އީރާނުގެ ރައްޔިތުން ދައްކަމުންދާ ހިތްވަރުގެ ސަބަބުން، އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕާއި، ޒަޔަނިސްޓު މުޖުރިމު ނަތަންޔާހޫ ދެކޭ ހުވަފެން މިހާރުވެސް ބިލާހަކަށް ވެގެން ހިނގައްޖެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު