ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ހަވާލުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަމާހު ރަޝީދު އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންވެސް މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއްނުކުރެއެވެ.
ޝަމާހު، މަގާމުން ވަކިކުރެއްވުމަށްފަހު، ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން އަޒްވާރުއާ ހަވާލުކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައިކަން އެނގިފައިވެއެވެ.
އަޒްވާރު، ސްޓެލްކޯގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައިވަނީ ސްޓެލްކޯގެ ޕްރޮކިއުމެންޓް ހެޑް، ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒު މަގާމުން ދުރުކުރައްވައިފައެވެ.
އަޒްހަދު، ސްޓެލްކޯގެ ވަޒީފާއިން ވަކިކޮށްފައިނުވި ނަމަވެެސް، މަގާމުގެ ހުރިހާ މަސްއޫލިއްޔަތަކުން އޭނާ މިހާރުވަނީ އެކަހެރިކޮށްފައިކަން އެނގިފައިވެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފައިވާ ޝަމާހުކަމަށް ބުނާ މީހެއްގެ އޯޑިއޯ ކްލިޕެއް މިއަދުވަނީ އާންމުވެފައެވެ. އެ ކްލިޕުގައި ސްޓެލްކޯ މެދުވެރިކޮށް ނާޖާއިޒު މަންފާތަކެއް ހޯދާ ވާހަކަ ޝަމާހުކަމަށް ބުނާ މީހާ ދައްކައެވެ.
އަދި ސްޓެލްކޯގައި އޭނާކުރާ ކަންތައް އިނގޭނީ އަޒްހަދުއަށްކަމަށް ޝަމާހުކަމަށް ބުނާ މީހާ ބުނާ އަޑުއިވެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް ޝަމާހު އައްޔަންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ޝަމާހު ފުރަތަމަ ހުންނެވީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯގެ މަގާމުގައެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު މިފްކޯގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޝަމާހު، އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭގެ ފަހުން ޝަމާހު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައެވެ.
ކިޔުންތެރިންގެ ހިޔާލު