މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މިހާތަނަށް 48 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށް ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ދުވާރު ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ފެން ހޮޅި އެޅުމުގެ %50 މަސައްކަތް ނިމިފައިވާ ކަމަށާއި، އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖެއްސުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން 48 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލް ވަނީ ނިމިފައެވެ.
ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރުމަހުގެ 9ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢު ނިމުމުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ހަަމަޖެހިފައިވެއެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
އެމްޓީސީސީގެ އަމާޒަކީ ރޯދަ މަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުންކަމަށް އެކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު