އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވީ އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހު މުހައްމަދު ޝިފާން އަދި އާންމު މެމްބަރެއް ކަމަށްވާ އިކްރާމް އަބްދުއްސައްތާރު އެކަނިކަން ހާމަކޮށްފިއެވެ. މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އިއްޔެއަށް ވަނީ ހަމަވެފައެވެ.
ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އަށް މިފަހަރު ކުރިމަތިނުލެއްވުނީ، ޕާޓީގެ ގަވާއިދު އޮންނަ ގޮތުން ވިދިވިދިގެން ދެ ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް އެ މަގާމަށް ކުރިމަތިނުލެވޭތީއެވެ. އަދި މީގެ ކުރިން މި މަގާމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މި މަގާމަށް ކުރިމަތިލައްވާފައެއް ނުވެއެވެ.
ރައީސް ކަމަށް ކުރިމަތިލެއްވި ޝައިހު ޝިފާނަކީ މަދީނާ ޔުނިވާސިޓީން ޝަރުއީ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޕާޓީގެ އުސޫލުތަކުގައިވާ ގޮތުން ރައީސް ކަމަށް ކުރިމަތިލެވޭނީ ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މަދުވެގެން ދެ އަހަރު ދުވަހު ހިދުމަތްކޮށްފައިވާ މެންބަރުންނަށެވެ.
މި މަގާމަށް ދެ ބޭފުޅަކު ވާދަކުރައްވާތީ، މި މަހުގެ 31 ވަނަ ދުވަހު ސިއްރު ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އިލެކްޓްރޯނިކް ވޯޓިން ނިޒާމެއް މެދުވެރިކޮށް ކަމަށް އަދާލަތު ޕާޓީން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ހިޔާލު