އަމިއްލަ މީޑިއާތަކަށްދޭ މާލީ އެހީތެރިކަމަށް ޝަރުތުހަމަވާ 41 މީޑިއާގެ ތެރެއިން، 39 މީޑިއާއަކަށް ފައިސާ ދޫކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާ އަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން އާއްމު ކުރި ބަޔާނުގައި ބުނެފައިވަނީ، މި އަހަރު ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް 41 މީޑިއާއަކުން ޝަރުތުހަމަވެ، އެ މީޑިއާތަކުގެ މައުލޫމާތާއި ފައިސާގެ އަދަދު އެ ކޮމިޝަނުން މިދިޔަ ޑިސެމްބަރު މަހު 30 ވަނަ ދުވަހު ޒުވާނުންގެ ވުޒާރާއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް 41 އެޕްލިކޭޝަންގެ ތެރެއިން ދެ އެޕްލިކޭޝަންއަކީ އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާކަން ފާހަގަވުމާ ގުޅިގެން، އެ މީޑިއާއާއި ބައްދަލުކޮށް އެކަމާ ގުޅޭ މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ މީޑިއާގެ ޕޭމަންޓް ހޯލްޑްކުރުމަށް ޒުވާނުންގެ ވުޒާރާއަށް އަންގާފައިވާނެ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ކޮމިޝަނުން ބުނެފައިވަނީ، ދައުލަތުންދޭ އެހީތެރިކަން ލިބޭނީ 40 މީޑިއާއަކަށް ކަމަށެވެ. އަދި އެހީއަށް އެދިފައިވާ މިޑިއާ ޕޯޓަލް ތެރެއިން ގެނުވުނު ބަދަލުތައް ފެންނާނެ ގޮތަށް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
މާލީ ގޮތުން އަމިއްލަ މީޑިއާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމަކީ، އެ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި، އެހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެ އަމިއްލަ ރައުޔަށް ކަންތައްތައްކުރުމުގެ ބާރުވެރިކަން ހޯދައި ދިނުން ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.
މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މިޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ހިޔާލު