އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ ކުރިމަތިލައްވަން ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވެފައިވަނީ، އެމްޑީޕީގެ ހަރަކާތްތައް ފުޅާކޮށް އިތުރަށް ވަރުގަދަކޮށް ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރުމުގައި އިހު އޮތް ރޫހު އާލާކުރުމަށްޓަކައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް ވިސްނަވާ ކަމަށެވެ.
ރީކޯ މޫސަ އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވީ އެ ޕާޓީ އެންމެ ހަރަކާތްތެރި ދުވަސްވަރުއެވެ.
ސިޔާސީ ހަޔާތް ވެސް އެމްޑީޕީން ފެއްޓެވި މޫސަ ވަނީ ރައްޔިތުންގެ މަޖިލީހުގައި ތިން ދައުރެއް ފުރިހަމަ ކުރައްވައިފައެވެ. މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުވެސް މޫސަ އަދާކުރެއްވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން މޫސަ ވަކިކޮށްފައިވަނީ 2014 ވަނަ އަހަރެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަހުމަދު ފާއިޒް ވަކިކުރަން މަޖިލީހުގައި ވޯޓު ދެއްވި މައްސަލައިގައެވެ.
އެމްޑީޕީގެ ދަފްތަރުން ރީކޯގެ ނަން އުނިކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހު ރީކޯ، އޭރުގެ ސަރުކާރު ކޯލިޝަންގެ އިސް ޕާޓީ ޕީޕީއެމާ ގުޅިވަޑައިގެންނެވީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.
އެ ޕާޓީއާ ގުޅިވަޑައިގެން ރީކޯ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި އެ މަނިކުފާނު ސަރުކާރު ހިންގަވާ ގޮތަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ވާހަކަދައްކަވައިފައެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ރީކޯ ވަނީ ޔާމީނަށް ކެމްޕޭން ކޮށްދެއްވުމަށް އިސް ދައުރެއް އަދާކުރައްވައިފައެވެ.
ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވެވަޑައިގަތުމާ ގުޅިގެން ރީކޯ ވަނީ ޕީޕީއެމްގެ ހަރަކާތްތަކުން ފެޔަށް ޖެހިވަޑައިގެންފައެވެ.
އެއަށްފަހު 2022 ވަނަ އަހަރު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ރީކޯ ގެންދެވީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުންނެވެ.
އެމްޑީޕގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލައްވަން ވިސްނަވާކަން މޫސަ އިއުލާން ކުރެއްވި އިރު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްވެސް ވަނީ ޗެއާޕާސަންކަމުގެ މަގާމަށް ކުރިތިލައްވަން ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
ކިޔުންތެރިންގެ ހިޔާލު