ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް އިތުރުކުރުމުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވެ، ތަރައްގީގެ މަޝްރޫޢުތައް އަވަސްވެގެން އަންނަ ކަމަށް މާލިއްޔަތު ވުޒާރާގެ ތާޒާ ރިޕޯޓުން ހާމަވެއްޖެއެވެ. މި އަހަރުގެ ޑިސެމްބަރު 18 އަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 36.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މިއީ 3.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ފާއިތުވި ހަފްތާގައި އާމްދަނީ އެންމެ ގިނައިން އިތުރުވީ ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ތަކެތީގައި ނަގާ ޓީ.ޖީ.އެސް.ޓީ.އިންނެވެ. މި ޓެކްސްގެ ގޮތުގައި އެކަނި 10.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއީ 15.1 އިންސައްތައިގެ އިތުރުވުމެކެވެ.
ޚަރަދުތަކަށް ބަލާއިރު ޖުމްލަ 38.9 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، ދަރަނީގެ ޚިދުމަތަށް ހިނގާފައިވަނީ އެންމެ ބޮޑު ޚަރަދެވެ. ތަރައްޤީގެ މަޝްރޫޢުތަކަށް 7.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެގެ ތެރެއިން އެންމެ ބޮޑު ބައި ހަރަދުކުރެވިފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. އެއާޕޯޓު ތަރައްގީކުރުމަށާއި ބްރިޖްތައް ހެދުމަށް 4 ބިލިއަންއަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެވިފައިވެއެވެ. ސިއްހީ ދާއިރާއަށް ކުރި ޚަރަދުތައް މިދިޔަ އަހަރާ އަޅާބަލާއިރު 211.5 އިންސައްތަ އިތުރުވެފައިވެއެވެ. ރަނގަޅު ޚަބަރަކީ ދައުލަތުގެ ބަޖެޓް ޑެފިސިޓް 2.0 ބިލިއަން ރުފިޔާއަށް ވަނީ ކުޑަވެފައިވުމެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 82.5 އިންސައްތަ ކުޑަ ޑެފިސިޓެކެވެ.
ކިޔުންތެރިންގެ ހިޔާލު