އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް “ރަށުގެ ކުރިމަގު”ގެ ނަމުގައި އިލެކްޝަންސް ކޮމިޝަނުން ޓިކްޓޮކް މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިއަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އޮންލައިންކޮށް ރަޖިސްޓްރީވާން ޖެހެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅިގެން މި ކޮމިޝަނުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ “ރަށުގެ ކުރިމަގު” ޓިކްޓޮކް މުބާރާތް
މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2025 ޑިސެންބަރު 31 ވާ… pic.twitter.com/dVjQC37DgQ
— Elections Commission (@ElectionsMv) December 27, 2025
މި މުބާރާތުގައި 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އަމިއްލަ ގޮތުން ނުވަތަ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ. ނަމަވެސް އިންތިޚާބުގައި މަސައްކަތްކުރާ އޮފިޝަލުންނަށް މި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ. ވީޑިއޯތައް ތައްޔާރުކުރަންޖެހެނީ 30 ސިކުންތާއި ދޮޅު މިނެޓާ ދެމެދުގެ ދިގުމިނަކަށް، ވަކި ސިޔާސީ ފިކުރަކަށް ތާއީދުނުކުރާ ގޮތަށެވެ.
މުބާރާތަށް ވީޑިއޯ ތައްޔާރުކުރެވޭނެ މައިގަނޑު ހަތަރު މައުޟޫއަކީ ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތަކާއި، އިންތިޚާބުގައި ވޯޓުލުމުގެ މުހިންމުކަމާއި، އިންތިޚާބެއްގެ ތެރޭގައި ކޮށްގެން ނުވާނެ ކަންކަމުގެ އިތުރުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމުކަމެވެ. ކޮންމެ ބައިވެރިއަކަށް ވެސް ކޮންމެ މައުޟޫއަކަށް އެއް ވީޑިއޯ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މުބާރާތުގެ ވީޑިއޯތައް އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހަޅަންޖެހޭއިރު، އެންމެ މޮޅު ތިން ވީޑިއޯއަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށް 5,000 ރުފިޔާ، ދެވަނައަށް 3,000 ރުފިޔާ އަދި ތިންވަނައަށް 2,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށެވެ.
ކިޔުންތެރިންގެ ހިޔާލު