ޗައިނާއިން ރާއްޖޭގެ ތަރައްގީއަށް އެހީވުމުގެ ގޮތުން މުހިންމު މަޝްރޫއުތަކެއް ކުރިއަށްގެންދިޔުމަށް 85 މިލިއަން ޑޮލަރުގެ އެހީއެއްވެއްޖެއެވެ.
އެ އެހީގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކޮންގު ޝިއަންހުއާ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލެވެ.
އެ ފައިސާގެ އެހީ ދިން މަޝްރޫއުތަކުގެ ތެރޭގައި ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްސިޕް ހޮސްޕިޓަލް މަޝްރޫޢު އާއި މާލެ-ވިލިމާލެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޫއުގެ އިތުރުން 50 ރަށެއްގެ ކައުންސިލް އިމާރާތްތައް އެޅުމުގެ މަޝްރޫއު ހިމެނެއެވެ.
މިއީ ވެރިކަމާ ހަވާލުވުމަށް ފަހު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގެންނެވިއިރު އެ ގައުމުން ދޭނެކަމުގެ ޔަގީންކަން ދިން އެހީއެވެ.
ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. ސިނަމާލެ ބްރިޖާއި ހިޔާ ފްލެޓްތަކަކީ ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ބިނާކޮށްފައިވާ ތަންތަނެވެ.
ކިޔުންތެރިންގެ ހިޔާލު