ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ސިޔާސީ މަސައްކަތް ކުރެއްވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު އެ ދެ ބޭފުޅުން ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުރިން ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުންނާއެކު މަސައްކަތް ކުރެއްވިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
“އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރެވޭނެ ފަރާތްތަކެއް އެބަހުރި. އެއީ މިސާލަކަށް އަޅުގަނޑުމެން ނޫނަސް ކުރީގައި ރައީސްކަން ކޮށްފައި ތިބި ބޭފުޅުން އެބަ ތިއްބެވި. އެ ބޭފުޅުންނާއެކީ ވެސް މި ސަރުކާރު ޖަވާބުދާރީކުރުވުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް އެ ބޭފުޅުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިޔުން،” ސޯލިހު ވިދާޅުވިއެވެ.
“ޔާމީނާއެކީގަވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ އިނގޭތޯ،”
އެއަށްފަހު ނަޝީދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްއާ އެކު ވެސް ސިޔާސީ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ.
ނަޝީދަށްފަހު ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ގައުމު މިހާރު މިއޮތް ހާލަތުގެ ސަބަބުން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އެ ކަންތައް ކުރުމުގައި ޔާމީންގެ ހިއްސާއެއް ހިމެނުމަކީ އެދޭ ކަމެއް ކަމަށެވެ.
ސޯލިހުގެ އެގޮތަށް ވިދާޅުވި އިރު، އެ މަނިކުފާނުގެ އަޑުދަށުން ނަޝީދު ވެސް ވިދާޅުވީ “އަޅުގަނޑުމެން އެދޭ ކަމެއް،” ކަމަށެވެ.
އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގައި މިހާރު އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ މާލޭގެ މޭޔަރުގެ ޓިކެޓް ހޯދުމަށް ރައީސް ސޯލިހުގެ ތާއީދާ އެކު މިހާރުގެ މޭޔަރު އާދަމް އާޒިމް ވާދަކުރައްވާ އިރު، ނަޝީދުގެ ތާއީދާ އެކު ވާދަކުރައްވަނީ އަލީ އާޒިމެވެ.
ސޯލިހު ވިދާޅުވީ ޕްރައިމަރީއަށްފަހު އެކަތިގަނޑެއްގެ ގޮތުގައި އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށެވެ. އެމްޑީޕީގެ އެތެރޭގައި ބައިބައިވުމެއް އުފެދިގެންދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ސޯލިހު ވިދާޅުވިއެވެ. އަދި ބައިބައި އުފެދުމުގެ ޖާގައެއްވެސް ނުދެއްވާނެ ކަމަށް ސޯލިހު ވިދާޅުވި އިރު، އެ ވާހަކަތައް ނަޝީދު ވެސް ވަނީ ތާއީދުކުރައްވައިފައެވެ.
“އަޅުގަނޑު ރައީސް ސޯލިހާ ވަރަށް ބޮޑަށް އެއްބަސް” ނަޝީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު