ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލުން ޤަޠަރު އެއާވޭސް އަށް ޚިދުމަތް ދޭން ފަށައިފިއެވެ.
މިގޮތުން އައު ޓަރމިނަލުން ޤަޠަރު އެއާވޭސްގެ އޮޕަރޭޝަންތައް ފަށާފައިވަނީ ޑިޕާޗަރ ސަހައްދުގައި ބޭއްވި ރިބަން ކެނޑުމުގެ ޚާއްޞަ ރަސްމިއްޔާތަކުންނެވެ.
26 ޖުލައި 2025 ގައި ހުޅުވި ވީއައިއޭގެ އައު ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދީފައިވަނީ މޯލްޑިވިއަންގެ އެއާބަސް އޭ330 މަތިންދާބޯޓަށެވެ. ޤަޠަރު އެއާވޭސް އަކީ ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތް ދޭން ފެށި 38 ވަނަ އެއާލައިނެވެ.
ޤަޠަރު އެއާވޭސް އަށް އާ ޓާމިނަލުން މަރުޙަބާ ކިޔާފައިވަނީ ފެނުގެ ސެލިއުޓަކުންނެވެ. އަދި ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް އައު ޓަރމިނަލުން މަރުޙަބާ ދެންނެވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، ޤަޠަރު އެއާވޭސްގެ ނެޓްވޯކު ސްޓޭޝަންގެ ނައިބު ރައީސް، ޕޯލް ލޫސިއަން އާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޖުތަބާ ލަތީފެވެ.
ރާއްޖޭގެ ތާރީޚާއި ޘަޤާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓަރމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ޤުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެއެވެ.
އާ ޓާމިނަލުގައި 47 ޗެކިންގ ކައުންޓަރާއި، 6 ސެލްފް ސަރވިސް ކައުންޓަރާއި، 20 ޑިޕާޗާ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެއެވެ. އަދި މި ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ.
ކިޔުންތެރިންގެ ހިޔާލު