ރިޓަޔާ ކުރުމަށްފަހު އަލުން މަގާމަކަށް އައްޔަން ކުރާ ފަރާތްތަކަށް ލިބެމުން އައި ރިޓަޔާމަންޓް އެލަވަންސް އެ މަގާމުގައި ހުންނަ މުއްދަތުގައި މެދުކަނޑާލުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭގައި ރޭ ބޭއްވި ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އެޖެންޑާކޮށްފައިވާ ކަންކަމުގެ ތެރޭގައި މިކަން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުގައި މުހިއްމު ބައެއް މަގާމުތަކަށް ރިޓަޔާޑް ބޭފުޅުން އައްޔަން ކުރައްވާފައިވާއިރު، އެއީ އަހުލާގީ ގޮތުން ރަނގަޅު ހިންގުންތެރި އަދި ނަޒާހާތްތެރި ގާބިލު ބޭފުޅުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ބޭފުޅުންނަށް ރިޓަޔާމަންޓް އެލަވަންސާއި މުސާރަ އެކުގައި ލިބުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލު ގެނައުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސާވިސްގެ ގަވާއިދުތައް ބަދަލުކޮށް ގެޒެޓް ކުރުމަށް އިދާރާތަކަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރިޓަޔާޑް ބޭފުޅަކު މަގާމަކަށް އައްޔަން ކުރާނަމަ އެ މުއްދަތަކަށް ރިޓަޔާމަންޓް އެލަވަންސް މެދުކަނޑާލުމަށް ނިންމަވާފައިވާ ކަމަށާއި ޑަބަލްކޮށް އެލަވަންސްތައް ނުލިބޭ ގޮތަށް ބަދަލު ގެނައުމަކީ ރައްޔިތުންނެކޭ އެއްގޮތަށް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ހަމަހަމަކަން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އުމުރުން 65 އަހަރުން 75 އަހަރާ ދެމެދުގެ މީހުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ގާނޫނީ ހަމަތަކުގެ މަތިން ދިނުމަށް ރީއެމްޕްލޯއިމަންޓް ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު