ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން: އެޗްޑީސީ

990

ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން ކަމަށް އެޗްޑީސީން މިއަދު ބުނެފިއެވެ.

ހުޅުމާލެ 1 އަދި 2 ގެ 1.1 ކިލޯ މީޓަރުގެ މަގުތައް 5-6 މަސް ދުވަހުގެ ތެރޭގައި ހަދަން ޗައިނާގެ ރޮޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާ މި މަހުގެ ތިން ވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ. އެޗްޑީސީް ބުނީ އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 91.8 މިލިއަން ރުފިޔާ ކަމަށެވެ.

މަސައްކަތުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުއެވެ. ރޮޓައިމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޯވޭޑޮންގުއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއަކީ، އޮކްޓޯބަރު 2، 2022 ގައި އެ ކުންފުންޏާ ހަވާލުކުރި “ހުޅުމާލޭގައި ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން” ތަރައްގީ ކުރުމުގެ މަސައްކަތުގެ ބަދަލުގައި ހަވާލުކުރި ކަމެއް ކަމަށެވެ.

އެކޮމޮޑޭޝަން ބްލޮކެއް އަޅަން ޗައިނާގެ ކުންފުންޏާ އޭރު ހަވާލުކުރީ ބައިނަލްއަގުވާމީ ކުޅިވަރު ސްޓޭޑިއަމެއް އަޅާތީއެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު އައުމުން އެކޮމޮޑޭޝަން ބްލޮކުގެ މަޝްރޫއު ވެސް ހުއްޓާލަން ޖެހުނީ ކަމަށް އެ ބަޔާނުގައިވެއެވެ.

އެޗްޑީސީގެ ބަޔާނުގައި ބުނެފައި ވަނީ ހުޅުމާލެ 1ގެ ފަސް މަގަކާއި ހުޅުމާލެ 2ގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭ ގޮތަށް ޖުމްލަ 19،001 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގު ހަދާނެ ކަމަށެވެ. އޭގެ އިތުރުން، ހަލާކުވެފައިވާ 8،012 އަކަމީޓަރުގެ މަގުތައް މަރާމާތުކޮށް އަލުން ތާރު އަޅާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ މަޝްރޫއުގެ އަގަކީ، ޖީއެސްޓީ ހިމެނޭ ގޮތަށް 91,860,829ރ. އެވެ. އެ ފައިސާ ދައްކަން ހަމަޖައްސާފައިވަނީ ކޭޝްފްލޯ އަށް ދަތިނުވާނެ ގޮތަށް 50 ޕަސެންޓު ފައިސާ އެއް އަހަރަށް ބަހާލައިގެންނެވެ. ބާކީ 50 ޕަސެންޓު ފައިސާ ދައްކަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުން ފެށިގެން ހަ އަހަރަށް ބަހާލައިގެންނެވެ.

އެޗްޑީސީން ބުނީ މަގު ހަދަން ބޭނުންވާ ސާމާނާއި މެޝިނަރީ މޮބިލައިޒްކޮށް، ވީ އެންމެ އަވަހަށް މަސައްކަތް ފަށާނެ ކަމަށެވެ. އަދި އަވަހަށް މަސައްކަތް ނިންމައި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ދަތުރުފަތުރުގެ ފަސޭހަތައް ލިބުމަކީ އަމާޒެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި

ދެވަނަ ފިޔަވަހީގެ ފުރަތަމަ އައުޓްޑޯ ޖިމް ހުޅުވައިފި