ކުޑަކުދިން ދިވެހި ބަހަށް ޝައުގުވެރި ކުރުމުގެ މުހިންމު މަގުސަދެއްގައި، ދައުރު ނޫހުގެ އެޑިޓަރު އަދި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ މޫސާ ލަތީފް، ފަސް ވާހަކައެއް ހިމެނޭ “ދޮންކޮ”ގެ ނަމުގައި ވާހަކަ ސިލްސިލާއެއް ނެރެފިއެވެ. މި ސިލްސިލާ ނެރެދެއްވީ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސާ ވިދާޅުވީ، އެ ފޮތްތައް ލިޔުއްވަން ފެއްޓެވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2014 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބު ނިންމުމަށް ފަހު، ތިން މަހުގެ ޗުއްޓީއެއްގައި ހުންނަވައިގެން ކަމަށެވެ. އެއަށްފަހު މިހާރު އެގާރަ އަހަރު ވެފައިވާއިރު، ވާހަކަތަކުގެ ކުރެހުންތައް ކުރަހައިދިނީ މިހާރު ދައުރު ނޫހުގައި މަސައްކަތް ކުރާ މަޝްހޫރު ފަންނުވެރިޔާ މުނާލް ޝުޖާއު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މޫސާ ވިދާޅުވި ގޮތުގައި، މި ފޮތްތައް ނެރުމުގެ މައިގަނޑު މަގުސަދަކީ، މިހާރު ނެތެމުންދާ ދިވެހި ބަހަށް ކުޑަކުދިން ޝައުގުވެރި ކުރުމެވެ. “ދޮންކޮ” އަކީ ވަރަށް ލޯބިން ފިރިހެން ކުދިންނަށް ކިޔާ ނަމަކަށްވާއިރު، މި ވާހަކަތައް ބިނާކޮށްފައިވަނީ ދެ ކުއްޖެއްގެ މެދުގައި ހިނގާ ޚިޔާލީ ކަންތައްތަކަށެވެ. މި ސިލްސިލާއަކީ ގްރޭޑް ދެއަކާ ތިނެއްގެ ދަރިވަރުންނަށް އަމާޒުކޮށް ނެރެފައިވާ ފޮތްތަކެކެވެ.
އެ ފޮތްތަކުގައި ހިމެނޭ އެއް ވާހަކައިގެ ތަފްސީލް ހިއްސާކުރައްވަމުން މޫސާ ވިދާޅުވީ، ވާހަކަތަކުގައި ރާއްޖެއިން ފެންނަ އެކި ދިރުންތަކަށް ދިވެހި ނަންތައް ދީގެން ވާހަކައަށް ވައްދާފައި ހުންނާނެ ކަމަށެވެ.
މޫސާ ވަނީ، ކުޑަކުދިންގެ ވާހަކަ ސިލްސިލާއެއް ނެރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފަނެއް ކަމަށް ވިދާޅުވެ، އިތުރު ވާހަކަތައް ލިޔަމުންދާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ. މި ފޮތްތައް ގަނެވޭނީ 7335353 އަށް އޯޑަރ ދީގެންނެވެ.
1989 ގެ ކުރީކޮޅުގައި ނޫސްވެރިކަން ފެށްޓެވި މޫސާ ލަތީފަކީ، 35 އަހަރުގެ ދިގު ތަޖުރިބާ ލިބިފައިވާ ނޫސްވެރިއެކެވެ. އޭނާ ވަނީ ހަވީރު ނޫހާއި މިހާރު ނޫހުގެ އެޑިޓަރުކަން ވެސް ކުރައްވާފައެވެ. އޭގެ އިތުރުން، ޚަބަރު، ފީޗާ ނިއުސް، ތަހުގީގީ ރިޕޯޓް، އަދި ކޮލަމް ފަދަ ނޫސްވެރިކަމުގެ އެކި ސްޓައިލްތައް ރާއްޖޭގެ ނޫސްވެރިކަމަށް އެންމެ ފުރަތަމަ ތަޢާރަފުކުރި ނޫސްވެރިންގެ ތެރޭގައި މޫސާ ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު