ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ހިންގަމުންދާ ޤައުމީ މަޝްރޫޢުގެ ފަރާތުން، ދަނޑުވެރިކަމަށް ޝައުޤުވެރިކަން ހުންނަ ޒުވާނުންނަށް ބާރުދިނުމަށް މަސައްކަތް ކުރަމުންދާ “ޒުވާން ދަނޑުވެރިޔާ” އާއި ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދެ ފަރާތުން ގުޅިގެން މަސައްކަތް ކޮށް، ރާއްޖޭގެ ދަނޑުވެރިކަމާއި، ގަސް އިންދުމުގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމެވެ.
މިނިސްޓްރީން ބުނިގޮތުގައި މި ބައްދަލުވުމުގައި، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް “ޒުވާން ދަނޑުވެރިޔާ” ގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި، އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ދެ ފަރާތުގެ އެހީތެރިކަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައެވެ. ޚާއްސަ ގޮތެއްގައި، ޒުވާން ދަނޑުވެރިންނަށް ތަމްރީނާއި ތަޖުރިބާ ދިނުމާއި، ގަސް އިންދުމުގެ މަސައްކަތްތަކުގައި އެމީހުން ބައިވެރިކުރުވުމުގެ މުހިންމުކަމަށް ބާރުއަޅާފައިވެއެވެ.
ދެ ފަރާތުން ވެސް މި މަޝްރޫޢު އިތުރަށް ފުޅާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އިންސާނީ ވަޞީލަތްތަކާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. މި ގުޅުމުގެ ސަބަބުން، ޒުވާނުންނަށް ދަނޑުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުޞަތުތައް ފަހިވެ، މަޝްރޫޢުގެ ދަށުން އިންދާ ގަސްތަކަށް ބޭނުންވާނެ އެހީތެރިކަން ވެސް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި ބައްދަލުވުމަކީ، ދިވެހިރާއްޖެއަށް ގަސް އިންދުމުގެ މުހިންމުކަން އިހުސާސްކޮށް، ޤުދުރަތީ މާހައުލު ރައްކާތެރިކުރުމަށާއި، ކާނާގެ ސަލާމަތްކަން ކަށަވަރުކުރުމަށް ކުރިއަށްދާ މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ކިޔުންތެރިންގެ ހިޔާލު