އަމީނިއްޔާ ސްކޫލްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.
‘ފޭސްބުކް’ގައި ފުލުހުން ހިއްސާކުރި ވީޑިއޯއެއްގައިވާ ގޮތުން ކަސްޓަމްސްގައި އޯޑަރެއް ހިފަހައްޓާފައިވާ ކަމަށް ބުނެ، އަމީނިއްޔާ ސްކޫލްގެ ނަމުގައި، ލިންކެއް އެކި މީހުންނަށް ފޮނުވާފައިވެއެވެ.
އެ މެސެޖުގައިވާ ގޮތުން، “ޕޯސްޓަށް ފައިސާ ދެއްކުމުން ނޫނީ އޯޑަރު ކަސްޓަމަރުގެ އަތަށް ނާރާނެ”އެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ބުނީ، އަމީނިއްޔާ ސްކޫލާއި އެހެނިހެން ނަންނަމުގައި މިފަދަ މެސެޖުތައް ލިބެމުން އަންނަކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ މެސެޖުގައިވާ ލިންކަށް ފިތާލުމުން އެ މީހެއްގެ ބޭންކު ކާޑުގެ މައުލޫމާތު ވަގުންނަށް ލިބޭ ކަމަށް، ފުލުހުން ބުންޏެވެ.

އެހެންވެ، މެސެޖުގައިވާ ލިންކަށް ފިތާނުލުމުށާއި، މެސެޖު ލިބޭއިރަށް ވަގުތުން ސްޕޭމްގެ ގޮތުގައި ރިޕޯޓުކޮށް ޑިލީޓްކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ސްކޭމްތަކުގެ ސަބަބުން މިދިޔަ މަހު 1.29 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން ގެއްލިފައިވެއެވެ. ސްކޭމްތަކުގައި ގެއްލުނު ފައިސާގެ ތެރެއިން އެ މަހު އަނބުރާ ހޯދުނީ 477،263 ރުފިޔާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު