އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަނުން (އައިއެމްސީޓީސީ) ދިވެހިރާއްޖޭގައި ބޭއްވުމަށް ފަށްޓާފައިވާ ތަމްރީނުދިނުމުގެ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފި އެވެ. މިގޮތުން، މި ފަހަރު ކުރިޔަށް ގެންގޮސްފައިވަނީ، “ތަޢުލީމީ މާޙައުލުގައި ހަރުކަށި ފިކުރުތަކާ ކުރިމަތިލުން – ޢަމަލީ މޮޑެލްތައް” މި މައުޟޫޢޫގެ ދަށުން ބާއްވާފައިވާ މަސައްކަތު ބައްދަލުވުމެކެވެ. އިސްތިރާޖީ ފިކުރީ އިސްނެގުން “ޕްރިވެންޝަން” ގެ ތެރެއިން، މި ފަހަރުގެ ތަމްރީނުދިނުން އަމާޒުކޮށްފައިވަނީ ޢިލްމުވެރިންނާއި، މުދައްރިސުންނަށެވެ.
މި މަސައްކަތު ބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދިވެހިރާއްޖޭގެ ކައުންޓަރ ޓެރަރިޒަމް އާ ބެހޭ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު ހިމެނިވަޑައިގަންނަވައެވެ. ހަރުކަށި ފިކުރުގެ ނުރައްކާތެރިކަމާ މެދު މުޖްތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި އިސްލާމިކް ކޯލިޝަނުން ހިންގަމުންދާ ފެންވަރު ރަނގަޅު ޕްރޮގްރާމްތަކަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ. ޒުވާނުން ޙިމާޔަތްކުރުމުގެ ފުރަތަމަ ދިފާޢީ ރޮނގަށް ވުމާ އެކު، ތަޢުލީމީ މުއައްސަސާތަކުގައި ވާ ފިކުރީ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހުނަރުތައް ކުރިއެރުވުމުގެ މުހިއްމުކަން ވައިސް ފާހަގަކުރެއްވި އެވެ.
މި ވޯކްޝޮޕް އަމާޒުކޮށްފައިވަނީ، ޓްރެއިނިންގ ކޯހުގައި އުނގަންނައިދެވުނު މަފްހޫމުތަކާއި، ހުނަރުތައް އިތުރަށް ކުރިއެރުވުމަށެވެ. އެގޮތުން، ފިކުރީ ގޮތުން ޙައްދުފަހަނައެޅުން ދައްކައިދޭ ސުލޫކުތައް ދުރާލާ ތަޙުލީލުކުރާނެ ގޮތްތައް ހުށަހަޅައިދިން ޢަމަލީ ސެޝަންތަކާއި، ތަރުބަވީ ގޮތުން އަޅާނެ ފިޔަވަޅުތަކާއި، މެދުމިންކަމާއި، އެކީގައި އުޅުމުގެ އަގުތައް ޕްރޮމޯޓްކުރާ ތަޢުލީމީ ކަންތައްތައް ފަރުމާކުރުމާއި، ހަރުކަށި ފިކުރުތަކުން ތަޢުލީމީ މާޙައުލު ޙިމާޔަތްކުރުމާ ބެހޭ ސެޝަންތައް ބޭއްވުނެވެ.
މި ވޯކްޝޮޕްގެ ބައިވެރިން ވަނީ، ހަރުކަށިކަމާ ކުރިމަތިލެވޭ ފަދަ ތަޢުލީމީ މާޙައުލުތައް އުފެއްދުމަށް ބޭނުންކުރެވޭ ކާމިޔާބު ތަޢުލީމީ ބައެއް މޮޑެލްތަކާ މެދު މަޝްވަރާކޮށްފައެވެ. މި ވޯކްޝޮޕް ގައި ސެޝަންތައް ނަންގަވައިދެއްވި ޓްރެއިނަރުން ވަނީ، މެމްބަރ ޤައުމުތަކުގެ ސްކޫލްތަކާއި، ޔުނިވަރސިޓީތަކުގައި ތަރުބަވީ ސިޔާސަތުތައް އެކުލަވާލުމުގައި ފައިދާހިފިދާނެ ބައިނަލްއަޤްވާމީ ތަޖްރިބާތައް ހުށަހަޅުއްވާފައެވެ.
މި މަސައްކަތު ބައްދަލުވުމަކީ، ފިކުރިއްޔާތާއި، މީޑިޔާ އާއި، ޓެރަރިޒަމަށް ފައިސާ ފޯރުކޮށްދިނުމާ ދެކޮޅަށް މަސައްކަތްކުރުމާއި، ޢަސްކަރީ މައިދާނުގައި ސަރަޙައްދީ އެއްބާރުލުން ވަރުގަދަކުރުމުގެ ގޮތުން އެމްއައިސީޓީސީ އިން މެމްބަރު ޤައުމުތަކުގައި ހިންގާ ގުޅިފައިވާ ޓްރެއިނިންގ ޕްރޮގްރާމްގެ ބައެކެވެ. އެއީ، ޢަމަލީ އަދި ދެމެހެއްޓެނިވި ޙައްލުތަކުން ހަރުކަށި ފިކުރާ ކުރިމަތިލެވޭ ފަދަ ޤައުމީ ފެންވަރުގެ ކުޅަދުންތެރިކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ.
ކިޔުންތެރިންގެ ހިޔާލު