ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ސިފައިންނާއި ފުލުހުން ހިމެނޭގޮތަށް ދައުލަތުގެ މުއައްސަސާތަކަށް 700 ފުލެޓު ހާއްސަކޮށްފިއެވެ.
މި ސަރުކާރުން ފުލެޓު ދޫކުރާ އުސޫލު ގެޒެޓުކުރުމަށްފަހު ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އަންނަ މާޗް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް www.hiyaavehi.gov.mv ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެ ކަމަށެވެ.
ޕްލިކޭޝަން ހުށަހެޅޭނީ “މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު” ނުވަތަ “މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު” ގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުން ކަމަށާއި ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ 7500 ހައުސިން ޔުނިޓު ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ އިއުލާނުގައިވާ ގޮތުން މާލޭ ރަށްވެހިންނަށް 4000 ފުލެޓު އަދި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް 1500 ފުލެޓު ވަނީ ހާއްސަކޮށްފައެވެ. ހާއްސަ ކެޓަގަރީތަކެއްގެ ފަރާތްތަކަށް ވެސް ފުލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ؛
- 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން – 100 ފުލެޓު
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް – 100 ފުލެޓު
- އަލަތު ކައިވެނި ކުރާ ފަރާތްތައް/ ޒުވާން އާއިލާތައް – 250 ފުލެޓު
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 50 ފުލެޓު
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުން – 200 ފުލެޓު
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީގެ މުވައްޒަފުން – 100 ފުލެޓު
- މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް – 100 ފުލެޓު
- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތައް – 50 ފުލެޓު
ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ހަވާލުކޮށްފައި ނުވާ ފަރާތްތައް – 300 ފުލެޓު
ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުން އަންނަ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ކަނޑައަޅާ ފަރާތްތައް – 50 ފުލެޓު
އެ އުސޫލުގެ ދަށުން ފުލުހުންނަށް 100 ފުލެޓު އަދި ސިފައިންނަށް ވެސް 100 ފުލެޓު ވަނީ ހާއްސަކޮށްފައެވެ. ސިވިލް ސާވިސް މުވައްޒަފުންނަށް 200 ފުލެޓު ހާއްސަކޮށްފައިވާ އިރު، އެހެނިހެން މުއައްސަސާތަކުގެ މުއައްޒަފުންނަށް ވެސް 300 ފުލެޓު ވަނީ ހާއްސަކޮށްފައެވެ. ފުލެޓު ދޫކުރާ އެހެނިހެން މުއައްސަސާތަކަކީ؛
- ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
- ރައްޔިތުންގެ މަޖިލީހުގެ އިދާރާ
- އެޓާނީ ޖެނެރަލްގެ އޮފީސް
- ފޮރިން ސާވިސް
- ޖުޑިޝަލް ސާވިސް ކޮމިޝަން
- އިލެކްޝަންސް ކޮމިޝަން
- ސިވިލް ސާވިސް ކޮމިޝަން
- ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
- އެންޓި ކޮރަޕްޝަން ކޮމިޝަން
- އޮޑިޓާ ޖެނަރަލް އޮފީސް
- ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް
- މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
- މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
- ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން
- މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން
- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
- ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ
- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
- މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު
- ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް
- އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓަސް އޮފީސް
- ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
- ވަޒީފާއާބެހޭ ޓްރައިބިއުނަލް
- ލޯކަލް ގަވަމަންޓް އޮތޯރިޓީ
- ޓެކްސް އެޕީލް ޓްރައިބިއުނަލް
ފުލެޓު ދޫކުރުމުގެ އިތުރުން ސަރުކާރުން ވަނީ ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވެސް ނިންމައިފައެވެ. ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އަންނަ މާޗް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ހިޔާލު